ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި ޕްރޮޖެކްޓުގެ ބައިތަކުގެ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކާލަން އުޅޭ މައްސަލާގައި ޔޫއެފާގެ 55 މެންބަރު ގައުމުން ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓް ކުރަން މިއަދު ނިންމައިފި އެވެ.
ޔޫއެފާ އިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު، ނެރުނު ބަޔާނުގައި ބުނީ، ފީފާގެ މި ހުށަހެޅުމާ ދެކޮޅަށް ޔޫއެފާގެ ހުރިހާ މެންބަރުން އެކުއެކީގައި އެއްބަސްވެފައިވާ ކަމަށެވެ. އަދި ވޯލްޑް ކަޕަކީ އިންވެސްޓްމަންޓް މުދަލެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ޔޫއެފާ އިން ބުންޏެވެ.
”ޔޫއެފާ އާއި މެންބަރު 55 އެސޯސިއޭޝަން ތިބީ އެކުއެކީގައި. ފީފާގެ މުބާރާތްތަކުގެ ހިއްސާ ޕްރައިވެޓް އިންވެސްޓަރުންނަށް ދޭން އުޅޭ ހުށަހެޅުން އަހަރެމެން އެއްކޮށް ކުށްވެރި ކުރަން،“ ޔޫއެފާގެ ބަޔާނުގައި ވެ އެވެ.
މި ނިންމުމާ އެކު، ޔޫއެފާގެ އެއްވެސް ގައުމީ ޓީމަކުން ފީފާގެ މުބާރާތްތަކުގައި ބައިވެރި ނުވާނެ ކަމަށް ވަނީ އަންގައިފަ އެވެ. އަދި މި ހުށަހެޅުން އަނބުރާ ނުނަގާހާ ހިނދަކު މި ބޮއިކޮޓް ދެމިއޮންނާނެ ކަމަށް ވެސް ޔޫއެފާ އިން ބުންޏެވެ.
”ވޯލްޑް ކަޕަކީ ވިއްކާލެވޭނެ އެއްޗެއް ނޫން. މިއީ އެތައް ޖީލެއްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބިނާކޮށްފައިވާ ތަރިކައެއް،“ ޔޫއެފާގެ ބަޔާނުގައި ވެ އެވެ.
ފީފާގެ މި ހުށަހެޅުމަށް މެންބަރު ގައުމުތަކުން ގޮތެއް ނިންމަން އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނީ ދިނީ 53 ދުވަހުގެ މުއްދަތެކެވެ. މިކަމަށް 20 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ހުށަހަޅާފައިވުމުން ޔޫއެފާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
”ފީފާ އިން އަބަދުވެސް މަސައްކަތް ކުރަނީ ކުޅިވަރު މެދުވެރިކޮށް އެ މީހުންނާއި އެ މީހުންގެ އެކުވެރިން މުއްސަނދިކުރަން،“ ޔޫއެފާ އިން ބުންޏެވެ.
މި ޕްރޮޖެކްޓް ފާސްވެއްޖެ ނަމަ 2027 ގެ ކުރީކޮޅު ފީފާގެ 211 މެމްބަރު އެސޯސިއޭޝަންގެ ތެރެއިން ކޮންމެ އެސޯސިއޭޝަނަކަށް އެއްފަހަރާ 20 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ލިބޭނެ އެވެ. އަދި 2027-2030 ގެ ދައުރަށް އެ ފަރާތްތަކަށް ކަނޑައަޅާފައިވާ ފަންޑިން 8 މިލިއަން ޑޮލަރުން 20 މިލިއަން ޑޮލަރަށް އިތުރުވާނެ އެވެ.
ދެން އަންނަ ފިރިހެނުންގެ ވޯލްޑް ކަޕްގެ ބޮޑުބައެއް ބާއްވަން ހަމަޖެހިފައިވަނީ ޔޫއެފާގެ މެންބަރު ދެ ގައުމު ކަމަށްވާ ސްޕެއިން އާއި ޕޯޗުގަލްގަ އެވެ. ވޯލްޑް ކަޕް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރަން ކަމަށް ބުނެ 2030 ގެ ވޯލްޑް ކަޕް ތިން ބައްރެއް ހިއްސާވެގެން ބާއްވަން ފީފާއިން ވަނީ ނިންމައިފަ އެވެ.
ފީފާ ފޯވަޑް އެންޓަޕްރައިޒަސް (އެފްއެފްއީ) ގެ ނަމުގައި ސަބްސިޑަރީ ސެމީ ޕްރައިވެޓް ކުންފުންޏެއް އުފައްދައިގެން މުބާރާތްތަކުގެ ވިޔަފާރިއާ ގުޅޭ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ނިންމާފައިވާކަން ފީފާއިން މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރި އެވެ.
ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ އިންވެސްޓްމަންޓުން 4.2 ބިލިއަން ޑޮލަރު މި އަހަރު ނިމުމުގެ ކުރިން ހޯދޭނެ ކަމަށް ފީފާ އިން އުންމީދު ކުރެ އެވެ.
މި ހުށަހެޅުން ފާސްކުރުމަށް ބޭނުންވަނީ ފީފާގެ މެމްބަރުން ގައުމުތަކުގެ 50 ޕަސަންޓަށް ވުރެ ގިނަ ވޯޓާއި 38 މެންބަރުން ހިމެނޭ ފީފާ ކައުންސިލްގެ ތާއީދެވެ.
މި ނިންމުން ނިންމާ ކޮންގްރެސް ބާއްވަން ދެން އޮތީ އެންމެ 53 ދުވަހުގެ މުއްދަތެކެެވެ. އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ފީފާގެ ކޮންގްރެސްގައި މި ނިންމުން ހުށަހަޅަން ފީފާއިން އަންނަނީ ތައްޔާރުވަމުންނެވެ.
އިނގިރޭސި ވިލާތުގެ ދަ ޓައިމްސް އާއި ފައިނޭންޝިއަލް ޓައިމްސް އިން ބުނި ގޮތުގައި، ފީފާ އެންޓަޕްރައިޒަސް ކުންފުނީގެ ހިއްސާ ގަންނަން އުޅޭނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި ”ތުރައިވް ކެޕިޓަލް“ އާއި އެ ގައުމުގެ ނުފޫޒުގަދަ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން ޗޭސް ބޭންކެވެ.
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ޔޫރަޕްގެ ބާރުގަދަ 11 ކްލަބެއްގެ އިސްވެރިން ގުޅިގެން ފަށަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓަށް އިންވެސްޓް ކުރަން އެ ބޭންކުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ޔޫއެފާ އާއި ފީފާ އިން ވެސް އޭރު ދެކޮޅު ހެދި އެވެ. އަދި ކްލަބްތަކުގެ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި އެ ޕްރޮޖެކްޓް ނުފެށެނީސް ފެއިލްވީ އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ ބުދަ ދުވަހު މި އިނީޝިއޭޓިވް ސިފަކުރެއްވީ ”ދުނިޔޭގެ ފެންވަރުގައި ކުޅިވަރު ކުރިއެރުވުން އަވަސްކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް“ ގެ ގޮތުގަ އެވެ.
ނަމަވެސް ފީފާއާ މެދު އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ވޯލްޑް ކަޕް ފައިނަލް ބޮއިކޮޓް ކުރެއްވި ޔޫއެފާގެ ރައީސް އަލެކްސަންޑަ ޗެފެރީން ވަނީ ”މި މޮޑެލްއަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް މޮޑެލްއެއް ނޫން“ ކަމަށް ވިދާޅުވެފަ އެވެ.
ކޮންކާކަފް އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) އިން ވެސް ވަނީ ފީފާގެ 211 މެމްބަރު އެސޯސިއޭޝަނާ ފުރިހަމަ އަށް މަޝްވަރާކުރުމުގެ ކުރިން މި ހުށަހެޅުން އާންމުކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) އިން ވަނީ ފީފާގެ މި ބަހުސް ބޮޑު ޕްލޭން މުރާޖައާ ކުރުމަށް އެ އިދާރާގެ މެމްބަރުންނަށް ގޮވާލައިފަ އެވެ.



