އީރާނާ އެކު ހިނގަމުންދާ އެތައް މަހެއްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ”އަވަސް ޑީލެއް“ ހަދާ ގޮތަށް، އީރާނަށް އިތުރު ހަމަލާއެއް ނުދީ މަޑުޖައްސާލުމަށް އެމެރިކާ އާއި އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.
އީރާނަށް ”ވަރަށް ވަރުގަދަ“ ހަމަލާއެއް ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރަށްފަހު، ހަކަތައިގެ ވަސީލަތްތަކާއި އަދިވެސް އިތުރު އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭ ކަމުގެ ރިޕޯޓްތައް އާންމުވި އެވެ. އަދި ހަނގުރާމަ އިތުރަށް ފުޅާވެގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވެގެން ދިޔަ އެވެ.
ސީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ދިޔައީ ގުޅިގެން ހަމަލާތަކެއް ދިނުމަށް ރާވަމުންނެވެ. އަދި މި ހަމަލާތައް ހަފުތާ ބަންދު ތެރޭގައި ދީފާނެ ކަމަށާއި، އޭގެ ތެރޭގައި ތެޔޮ ސާފުކުރާ ކާރުހާނާތަކާއި ކަރަންޓު އުފައްދާ މަރުކަޒުތައް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
”ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފެނިފައިނުވާ ފަދަ އަސްކަރީ ބާރާއި ވަރުގަދަކަމާ އެކު، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް،“ ހޮނިހިރު ދުވަހުގެ ރޭ ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ނަމަވެސް، ރިޕަބްލިކަން ޕާޓީގެ މުއްސަނދި ވިޔަފާރިވެރިޔާ ވިދާޅުވީ މިވަގުތަށް ހަމަލާތައް މަޑުޖައްސާލައްވާނެ ކަމަށެވެ.
”ނަމަވެސް، ހަމަލާތައް މަޑުޖައްސާލުމަށް އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ އެދިފައި،“ އޭނާ ވިދާޅުވި އެވެ.
”މި އެދުމުގެ މަތިން، ދުނިޔޭގެ މުސްތަގުބަލަށްޓަކައި، ކުރިއަރާފައިވާ ކާމިޔާބު ގައުމެއްގެ ގޮތުގައި އީރާން ދެމިއޮތުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޝަރުތުގެ މަތިން، ހަމަލާ ދިނުން ކެންސަލްކުރުމަށް މިއަދު އެއްބަސްވެއްޖައިން،“ ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ، ހަދާ އެއްބަސްވުމުގެ ތެރޭގައި ”ހޮރްމުޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި އެކީއެކަށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުން“ ހިމެނެންޖެހޭނެ ކަމަށެވެ.
”އިސްރާއީލުން އަހަންނާ އެކު މި ނިންމުމުގައި ބައިވެރިވޭ. އެންމެން ވެސް މަސައްކަތް ފަށައި، މިކަން އަވަހަށް ނިންމާ.“
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ހަނގުރާމައަށް ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފަހަކަށް އައިސް އަލުން ހަމަލާތައް ވަނީ ވަރުގަދަވެފަ އެވެ. އަދި އެއްބަސްވުމެއްގެ ވާހަކަ ދެއްކި ނަމަވެސް ހައްލެއް ފެންނަ ތަނެއް ނުފެނެ އެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮނިހިރު ދުވަހު ޓްރަމްޕަށް ފޯނުން ގުޅުއްވައި، ހަމަލާދިނުމުގެ ރޭވުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި ފޯން ކޯލުގެ މައުލޫމާތު އެނގޭ ފަރާތަކުން އެކްސިއޯސްއަށް މައުލޫމާތު ދެމުން ބުނީ، މަސްރަހު ފިނިކޮށް، އަލުން ހަމަލާ ނުދިނުމަށް ސައޫދީ ވަލީއަހުދު ޓްރަމްޕަށް އިލްތިމާސް ކުރެއްވި ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ވައިޓް ހައުސްއިން އަދި އެއްޗެއް ނުބުނެ އެވެ.



