އީރާނަށް އަލުން ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭތީ އެކަން ނުކުރުމަށް އީރާނުން އެދުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް އީރާންގެ މެހްރު ނިއުސް އޭޖެންސީން އާދީއްތަ ދުވަހު ބުނެފި އެވެ.
އީރާނުގެ އަސްކަރީ މުއައްސަސާތަކުގެ މަސްދަރުތަކާ ހަވާލާދީ އެ އޭޖެންސީން ބުނީ، ޓްރަމްޕްގެ އެ ވާހަކައަކީ ”އާ ދޮގެއް“ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް ވަނީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރަށް، ހައި އެލާޓްގައި ކަމަށެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ، އީރާނަށް ހަމަލާތައް ދިނުމަށް އެމެރިކާ އޮތީ ”ތައްޔާރަށް“ ކަމަށެވެ. ނަމަވެސް، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން ވަނީ އާ ހަމަލާތަކެއް ނުދީ މަޑުޖައްސާލުމަށް އޭނާގެ ކިބައިން އެދިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އަދި އާ ހަމަލާތައް މަޑުޖައްސާލުމަށް ނިންމެވީ އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭނެކަމުގެ ޝަރުތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި އެކީއެކަށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުން ހިމެނޭނެ،“ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
އާދީއްތަ ދުވަހު އީރާނުގެ ފާސް ނިއުސް އޭޖެންސީން، މަޝްވަރާތަކާ ގާތް މަސްދަރަކާ ހަވާލާދީ ބުނީ ”އެމެރިކާއިން އެގައުމުގެ އަދާވާތްތެރި އަމަލުތައް ކުރިއަށް ގެންދާހާ ހިނދަކު، ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި“ ކަމަށެވެ.
ހަނގުރާމަ ފެށުނީއްސުރެ އީރާނުން އޮންނަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި އެ ކަނޑުއޮޅި ބޭނުންކުރުމުގެ ކުރިން އުޅަނދުފަހަރުން ހުއްދަ ހޯދުމަށާއި، ޓްރާންސިޓް ފީ ދެއްކުމަށް އީރާނުން މަޖުބޫރުކުރެ އެވެ.



