ތިލަފުށިން ހެވީލޯޑް މޯލްޑިވްސްއަށް ދީފައި އޮތް ބޮޑު ބިމެއް އެޗްޑީސީއާ ހަވާލުކުރުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން މިދިޔަ ބްރާސްފަތުި ދުވަހު މި ހުކުމް ކޮށްފައިވަނީ، ތިލަފުށިން ހެވީލޯޑަށް ދީފައިވާ 30،000 އަކަފޫޓުގެ ބިމަށް ކަނޑައެޅިފައިވާ ކުލި ނުދައްކައިގެން އެޗްޑީސީން ސިވިލްކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެޗްޑީސީން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހު ހެވީލޯޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީވެ، ވަގުތީގޮތުން ކުއްޔަށް ދީފައިވާ އެ ބިމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ބިން އަނބުރާ އެޗްޑީސީއާ ހަވާލު ނުކުރުމުންނެވެ.
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
މި މައްސަލާގައި ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ހެވީލޯޑުން އެޗްޑީސީއަށް ދައްކަންޖެހޭ 4.5 މިލިއަން ރުފިޔާ އާއި ބިން އަނބުރާ އެޗްޑީސީއަށް ހަވާލުކުރާ ދުވަހާ ހަމަޔަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ދެއްކުމަށެވެ. ކޯޓުން ވަނީ މި ފައިސާ 30 ޖުލައި އިން ފެށިގެން މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް އެއްފަހަރާ ފައިސާ ދައްކައި ދަރަނި ހަލާސްކުރުމަށް ހެވީލޯޑުގެ މައްޗަށް ހުކުމްކޮށްފައެވެ. ސިވިލްކޯޓުން ހެވީ ލޯޑްގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ އެކުންފުނީގެ ޢައިރު ހާޒިރުގައިކަން ފާހަގަކޮށްލެވެއެވެ.
ސިވިލްކޯޓުގެ ގަޒިއްޔާއިން އެނގޭގޮތުގައި ހެވީލޯޑަށް ތިލަފުށިން ބިން ކުއްޔަށް ދީފައިވަނީ އަކަފޫޓެއް އެއްރުފިޔާގެ މަގުންނެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް ހެވީލޯޑު ކުންފުންޏަށް ބިން ހަވާލުކުރުމަށް ތަކުރާރުކޮށް އަންގާފައެވެ. ނަމަވެސް އެކުންފުނިން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހެވޯލޯޑަށް ތިލަފުށިން ކުއްޔަށް ދިން ބިން އެކުންފުނިން ވަނީ އެހެން ފަރާތްތަކަށް ކުއްޔަށްދީފައެވެ. އެ ބިން ހުސް ނުކުރެވިގެން އުޅެނީ އެކަމާ ގުޅިގެންކަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.



