އެލްޖީއޭ އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާން ކުރުން: ރައީސް ނަސީދު
ދެންމެ | 05 އޯގަސްޓް 2026

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިޚާބުކުރުން ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކުރުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި މި އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމައި އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅިގެން ނިންމަންޖެހޭ މުހިންމު އިދާރީ މަސައްކަތްތައް އަދި ނުނިމޭތީ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެލްޖީއޭ ބޯޑުގެ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން ކަމަށާއި، އެ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ބާއްވަންޖެހޭނެ ކަމަށެވެ.

އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ހުޅުވާލާފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރެކެވެ.

 

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

އެމްޑީޕީގެ ކެންޑިޑޭޓުން:

– ރަށު ކައުންސިލްތަކުގެ ތެރެއިން: ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު

– ޑަބްލިއުޑީސީތަކުގެ ތެރެއިން: ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ

 

ޕީއެންސީގެ ކެންޑިޑޭޓުން:

– ރަށު ކައުންސިލްތަކުގެ ތެރެއިން: ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު

– ޑަބްލިއުޑީސީތަކުގެ ތެރެއިން: ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ

ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަންޏެވެ. އޭނާއާ ދެކޮޅަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!