މާލޭ ސަރަހައްދު މުޅިން އަނެކެތިވެ ސަކަރާތް ވެއްޖެ، އަތޮޅުތެރެ ތަރައްގީ ކުރަން ޖެހޭ: މޫސަ
ދެންމެ | 04 އޯގަސްޓް 2026

ރާއްޖޭގެ ތަރައްޤީގެ ވިސްނުން އަދިވެސް ހުރީ ހަމައެކަނި މާލެ ސަރަހައްދަށްތޯ ސުވާލު އުފައްދަވައި، އަތޮޅުތެރޭގެ އިޤްތިސާދު ފުޅާކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ، ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންނަށް މާލެ ސަރަހައްދުން ބޭރަށް ތަރައްޤީ ފުޅާކުރަން ނޭނގޭތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ފެށި ތަރައްޤީގެ މަޝްރޫއުތަކަށް 60 އަހަރު ވެގެންދިޔައިރުވެސް، ރާއްޖޭގެ އިޤްތިސާދު މާލެ ސަރަހައްދުން ފޭއަށް ގެންދަން އެއްވެސް ވެރިއަކަށް އެނގިފައި ނުވާކަމީ ހައިރާންވާންޖެހޭ ކަމެކެވެ.

 

މޫސަގެ ޕޯސްޓުގައި ވަނީ މިހާރުގެ ތަރައްޤީގެ ސިޔާސަތުތަކަށްވެސް ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން، ކުރީ ސަރުކާރުން މާލެއާއި ތިލަފުށި ބްރިޖުން ގުޅާލުމުން، މި ސަރުކާރުންވެސް ހަމަ އެ ސަރަހައްދަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

 

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އެއާޕޯޓުތައް އަޅާފައި ހުރި ސަރަހައްދުތަކުގައި ޕޯޓުތައް ތަރައްޤީކޮށް، ހޮސްޕިޓަލްތަކާއި ޔުނިވަރސިޓީތައް ބިނާކޮށްގެން ފަތުރުވެރިކަން އާލާކުރަން ދަސްކުރަން ޖެހިފައިވާ ކަމަށެވެ. އަދި މިފަދަ ވަސީލަތްތައް އަތޮޅުތެރޭގައި ގާއިމުކުރުމުގެ ބަދަލުގައި، ކާބަފައިން އުފެއްދި ޒަމާންވީ މަސްވެރިކަމުގެ އިޤްތިސާދުވެސް މަރާލަމުންދާ ކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ.

 

ސަރުކާރުތަކުން ރަށްރަށަށް ދޭ އަހައްމިއްޔަތުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ވޯޓު ހޯދަން ނުކުމެ ރަށްރަށުގެ ރައްޔިތުންނަށް އައުޓްޑޯ ޖިމަކާއި ފުޓްސަލް ދަނޑެއް ދިނުމަށްފަހު، ހަގީގީ ތަރައްޤީ މާލެ ސަރަހައްދަށް ޖަމާކުރާތީ ރައްޔިތުންނަށް މަޖުބޫރުވަނީ މާލެއަށް ހިޖުރަކުރަން ކަމަށެވެ.

 

 

”މާލެ ސަރަހައްދަށް ރައްޔިތުން ހިޖުރަކުރަން މި ޖައްސަނީ ކޮންމެ ވެރިއަކު؟“ މޫސަ ސުވާލު ކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މޫސަގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް މާލެ ސަރަހައްދުގެ ބޮޑެތި މަޝްރޫއުތަކަށް އިސްކަންދެމުންދާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!