ވަގު ސާމާނު ނުއަގުގައި ގަންނަ ބޭބެއެއް ހައްޔަރު ކޮށްފި
ދެންމެ | 06 އޯގަސްޓް 2026

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ކޯޓުއަމުރެއްގެ ދަށުން އިއްޔެކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފާގަތި، އަބްދުﷲ އުމަރު (58އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވައިވާކަމަށް ފުލުހުން ބުނެއެވެ.

ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް މި މީހާ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި، ޕަވާ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރުވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައިކަމަށް ފުލުހުން ބުނެެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!