ރައީސް ބޭނުންވުމުން ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ނިންމައިފި
ދެންމެ | 06 އޯގަސްޓް 2026

ރައީސްގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށް އަމަލުކުރަން ފަށައިފި އެވެ.

2024 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ’ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު‘ އުވާލާ އަލުން ވަނީ ގަވައިދެއް ހަދާފަ އެވެ. އާ ގަވައިދަށް އިތުރުކުރި ހަމައެކަނި ބަޔަކީވެސް ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވޭނެ މާއްދާ އެކެވެ.

އެ މާއްދާގައި ބުނަނީ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން ރައީސްގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ވެސް ސަރުކާރުންވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

އެ އިސްލާހުގައި ވަނީ ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި، ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލިހަށް ނިންމިދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!