ސައުދީ ޕާކިސްތާނު އަދި ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދެންމެ | 08 އޯގަސްޓް 2026

އީރާނާއި އެމެރިކާ އަދި އިޒްރޭލު ހިމެނޭ ހަނގުރާމައާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާ، ޕާކިސްތާނު އަދި ތުރުކީން ގުޅިފައިވާ ދިފާއީ އެއްބަސްވުމެއްގައި މިއަދު މައްކާގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ގާއިމުކުރާ އެއްބަސްވުމެކެވެ. ތިން ގައުމުން މި ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި މި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ތުރުކީވިލާތާއި ސައުދީ އަރަބިއްޔާއާއި ޕާކިސްތާނާ ތިން ގައުމުން އެކުގައި ސޮއިކުރި ދިފާއީ އެއްބަސްވުމަކީ ވަރުގަދަ އެއްބަސްވުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ސިފަކުރެ އެވެ. އެއީ ތުރުކީވިލާތަކީ ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮތް ގައުމަށް ވުމުގެ އިތުރުން ޕާކިސްތާނަކީ މުސްލިމް އާބާދީ ބޮޑު ގައުމުތަކުގެ ތެެރެއިން ނިއުކްލިޔާ ހަތިޔާރު ހުރި ހަމައެކަނި ގައުމަށް ވީތީއެވެ.

އަދި ސައުދީ އަރަބިއްޔާއަކީ ތެޔޮ އެކްސްޕޯޓު ކުރާ އެެންމެ މައި އެއް ޤައުމަށް ވެފައި މުސްލިމުންގެ އެންމެ މުގައްދަސް ބިންތައް ހުންނަ ޤަައުމެއް ކަމަށް ވީތީއެވެ.

މިއީ މި ތިން ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ތަމްރީނުތަކާއި އަސްކަރީ އާލާތްތައް ވިއްކުމާ އަދި ސެކިއުރިޓީ އެއްބާރުލުން ފަދަ ދިގު މުއްދަތުގެ އަސްކަރީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު އެއްބަސްވުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!