މުއިއްޒު ވަޒީރުކަމުގައި ހޫނުކުރީ ހަމައެކަނި ގޮނޑި، ރަސްފަނަކީ މުއިއްޒު ނުހެދޭނެ ކަމަށް ބުނި ތަނެއް: ރައީސް ޔާމީން
ދެންމެ | 08 އޯގަސްޓް 2026

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އެއްވެސް މަޝްރޫއަކީ އޭރުގެ ހައުސިން މިނިސްޓަރަކަަށް ހުންނެވި މިހާރުގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެއްވެސް ދައުރެއް އޮތް މަޝްރޫތަކެއް ނޫން ކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

’ސަންގު ޓީވީ’ގެ ޕްރޮގްރާމެއްގައި ވާާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރި މަސައްކަތްތަކަކީ އިގްތިސޯދީ ގޮތުން މަންފާއެއް ލިބޭނެ މަސައްކަތަކަށް ހެދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެއްވެސް މަޝްރޫއަކީ އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު އަމިއްލަފުޅަށް ފަރުމާކުރެއްވި ނުވަތަ ’އޮރިޖިނޭޓް‘ ކުރެއްވި މަޝްރޫތަކެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

 

ޔާމީން ވިދާޅުވީ ހުރިހާ ބޮޑެތި މަޝްރޫތަކަކީ ވެސް ރައީސް އޮފީހުން އިސްނަގައިގެން، ރޭވުންތައް ރާވައިގެން ފާސްކޮށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫތައް ކަމަށެވެ. އެގޮތުން އެއްމެ ބޮޑު އިންވެސްޓްމެންޓެއް ކުރި އެއް ތަނަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

މި ކަންކަމުގެ ތެރެއިން ބައެއް ކަންކަން ތަންފީޒުކުރައްވާ ބޭފުޅަކީ މުއިއްޒު. ބްރިޖުގެ މަސައްކަތުގަ މުއިއްޒު ކޮން ކަމެއްތޯ ކުރައްވާނީ. އެއީ ޗައިނާގެ ބަޔަކު [ކުރި މަސައްކަތެއް]. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކޮން ބައެއްތޯ ކުރެއްވީ؟ އެއީ ސިންގަޕޫރުގެ ބަޔަކު ކުރި މަސައްކަތެއް. މުއިއްޒުގެ ކޮންޓްރިބިއުޝަނެއް ނޯންނާނެ އެއަކުއެއް. ދެން ސަލްމާން މިސްކިތް. ހަމަ ބޭރު ބަޔަކު އެކަން ކުރީ،

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް

އެމަނިކުފާނު ވިދާޅުވީ ސަލްމާން މިސްކިތަކީ މިސްކިތުގެ ކުލައާއި ޖަހާފައިވާ ތަށި މުއްޓަށް ދާންދެން އެމަނިކުފާނު އަމިއްލަފުޅަށް ނިންމާފައިވާ ތަނެއް ކަމަށެވެ.

 

ނަމަވެސް ރައީސް މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރު ކަމުން އެމަނިކުފާނަށް ކްރެޑިޓް ދޭން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން އެ ކަންތައްތަކަކީ އެމަނިކުފާނުގެ ޖާދުލުން ކޮށްފައިވާ ކަންކަން ކަމަށް ނުދެންނެވުމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

 

އަޅުގަނޑު ދަންނަވާފާނަން ހަމަ އެންމެ މިސާލެއް ތިހެން ދެންނެވީމަ. ހެންވޭރުގައި އެއޮތީ ފަތާ ފެންގަނޑެއް ރައީސް މައުމޫން ތަރައްގީ ކުރައްވާފަ. ދެން އަޅުގަނޑު ބޭނުންވީ ހަމަ އޭގެ ފަތާ ފެންގަނޑެއް މާފަންނުގައި ތަރައްގީކުރަން. ދެން އަޅުގަނޑު މިނިސްޓްރީގައި ދެންނެވިން އެތަނުގައި ފެންގަނޑު ހަދަން. ދެފަހަރު މަތީން އެބޭފުޅުންގެ ފަންނީ ބޭފުޅުން ބައްލަވާފައި ހަމަ މުއިއްޒު ވަޑައިގެން އަޅުގަނޑު ކައިރީގައި ވިދާޅުވީ ރައީސޭ މިކަމެއް ނުވާނެއޭ. އެކަމު އެ އޮތީ އެކަން ކޮށްފައި ދެއްތޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް މިނިސްޓްރީއިން ކުރަންޖެހޭ ކަންކަމުގައި އެ ކްރެޑިޓް ލިބެންޖެހޭނެ ކަމަށާއި ނަމަވެސް މުއިއްޒާ ނުލާ އެކަންތައްތައް ނުކުރެވޭނެއޭ އެމަނުކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

 

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި ބިޔަ މަޝްރޫތައް މިހާތަނަށް ހިންގާފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި 2013 އިން ފެށީގެން 2018 އަށެވެ. އެއީ ރައީސް މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ސިނަމާލެ ބުރިޖުގެ އިތުރުން ހުޅުމާޅޭ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ މަޝްރޫއަކީ ވެސް ރާއްޖޭގެ ތާރީޚު ދުށް، ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތަކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!