ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލާގައި، ޙަޤީޤަތް އޮޅުވައިނުލައި އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މި މައްސަލާގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ރޭ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ ”ޕެނިކް އުފައްދައި“، ”ފޭކް ނިއުސް“ ފަތުރައިގެން ބާޒާރު ”މެނިޕިއުލޭޓް“ ކުރުމަށް ކުރާ ކަމެކެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން އެ ވާހަކަ ދައްކާތީ ނުވަތަ ’ސްޕެކިއުލޭޝަން‘ ގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން ޙަޤީޤަތް އޮޅުވާލުމަކީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ. ޑޮލަރުގެ އަގު އުފުލެނީ ބާޒާރުގައި ޑޮލަރު ނެތުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ފައިނޭންސް މިނިސްޓްރީން ޤަވާއިދުން ޝާއިޢުކުރަންޖެހޭ ރިޕޯޓްތައް އާންމުނުކޮށް، ޙަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ކުރިއަށް ދެވޭނީ ވަކިވަރަކަށް ކަމަށެވެ. ރާއްޖޭގައި ޑޮލަރު ހުރި މިންވަރާއި، ޑޮލަރަށް އޮތް ޑިމާންޑާއި، ބާޒާރުގައި ރުފިޔާ ހުރި މިންވަރު އެމްއެމްއޭއަށް އެނގޭނެ ކަމަށާއި، އަސްލު އެކްސްޗޭންޖް ރޭޓަކީ ކޮބައިކަންވެސް އެ އިދާރާއަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”ޑޮލަރެއްގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ގޮސް، ރާއްޖޭގައި ’ހައިޕަރ އިންފްލޭޝަން‘ އުފެދި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލިގެން ނުދަނީސް، ސަރުކާރުން އެމްޑީޕީއާ ވާހަކަދެއްކުން ބޭނުންތެރި. ސަރުކާރުން ކިބުރުވެރިކަން އިސްކޮށްފިނަމަ އޭގެ ގެއްލުން ލިބޭނީ ރާއްޖެއަށް. ދިވެހީންނަށް“. ނަޝީދު ވިދާޅުވިއެވެ.



