ޑޮލަރު މާރުކުރުމުގައި ރިސޯޓުތަކަށް ދީފައި އޮންނަ، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިހުތިޔާރު އުވާލައި، އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެމްއެމްއޭއިން މިއަދު ބުނި ގޮތުގައި، މި އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ގަބޫލުކުރެވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ”ކެޓެގަރީ އޭ“ ގައި ހިމެނޭ ރިސޯޓުތަކަށް މިހާރު ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު ރާއްޖޭގެ ބޭންކެއްގައި މާރުކުރުމެވެ. މި އިސްލާހު ސަރުކާރުން ގެނައުމުން ޓޫރިޒަމް ވިޔަފާރި ކުރާ ބައެއް ފަރާތްތަކުގެ ހިތްހަމަ ނުޖެހުމާ ވެސް ކުރިމަތިލާން ޖެހުނެވެ.
އެމްއެމްއޭއިން މިހާރު ނިންމާފައި ވަނީ މިހާރު އަމަލު ކުރާ އުސޫލު ބަދަލު ކުރުމަށެވެ. އެގޮތުން އަލަށް ގެންނަ ބަދަލާ އެކު، ހުރިހާ ރިސޯޓަކުން ވެސް މާރުކުރަން ޖެހޭނީ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މި ބަދަލު ގެންނަން ނިންމީ ހުރިހާ ރިސޯޓުތަކުން ވެސް އެއް މިންވަރެއްގައި ޑޮލަރު މާރުކުރެވޭނެ ގޮތެއް ހެދުމަށެވެ.
މަތީ ފަންތީގެ ރިސޯޓުތަކުގައި ކޮޓަރިއެއްގެ އަގު އެތައް ހާސް ޑޮލަރަކަށް އަރާއިރު، ބޮލަކަށް 500 ޑޮލަރު މާރުކުރުމުން އާދައިގެ އެހެން ރިސޯޓުތަކުގެ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މާރުކުރެވޭ ނިސްބަތް ވަރަށް ބޮޑަށް ދަށްވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެހެންކަމުން، މިހާރު އޮންނަ އުސޫލުގެ ތެރެއިން ވަރަށް ބޮޑު އަދަދެއް އެމްއެމްއޭއަށް ގެއްލޭ ކަމަށާއި، އަލަށް ގެންނަ އިސްލާހުގެ ތެރެއިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ބޭންކުތަކަށް އިތުރަށް މާރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.
ރިސޯޓްތަކުން ޑޮލަރު މާރުކުރަން ޖެހޭ އުސޫލު ބަދަލު ކުރަން ނިންމި ނަމަވެސް, ”ކެޓަގަރީ ބީ“ ގައި ހިމެނޭ ގެސްޓްހައުސްތަކަށް އެއްވެސް ބަދަލެއް ގެންނަން އަދި އެމްއެމްއޭއިން ނުނިންމައެވެ. އެހެންކަމުން ގެސްޓްހައުސްތަކުން ކުރިއެކޭ އެއްގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ނަމަވެސް، ”ކެޓަގަރީ ސީ“ ގައި ހިމެނޭ، ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކަށް ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން އެފަދަ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރު މާރުކުރަން ޖެހޭ އާމްދަނީގެ ތްރެޝްހޯލްޑް މިހާރު އިން 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް އިތުރުކުރަން ވަނީ ނިންމައިފައެވެ. އޭގެ މާނައަކީ މި އިސްލާހު ގެނައުމުން، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ވާނީ 25 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނަމައެވެ.
ޑޮލަރު މާރުކުރާ އުސޫލަށް އެމްއެމްއޭއިން ބަދަލު މި ގެންނަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ކަޅު ބާޒާރުން ޑޮލަރެއް ގަންނަން ލިބެނީ 22 ރުފިޔާއަށް ވުރެ އަގު ބޮޑުކޮށެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މީގެ ސަބަބުން ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެއެވެ.



