2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ފޫގަޅާލައިގެން ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހް މިފަދައިން ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ސިޔާސީ ޕާޓީ ކަމުގައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވަ އެވެ. ރައީސް ޔާމީން ރޭ ވިދާޅުވީ ވެރިކަމަށް ގެނައުމަށްޓަކައި އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އަދި އަބަދުވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
މިކަމާ ގުޅިގެން ފަލާހް ވިދާޅުވީ 2028 ގައި ޔާމީން ހުންނަވާނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ހޮވަން ފޫގަޅާލައިގެން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ނަމަ ޔާމީން އަނެއްކާވެސް މާފުއްޓަށް ބަދަލުކޮށް އަނިޔާވެރިވާނެކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރާ އަޅާބަލާއިރު އެމްޑީޕީގެ ވެރިކަމުގައި ކުރި ކަންކަން މާ ބޮޑަށް ވެސް ގޯހެވެ.
”އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫސްކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫސްކުރާނީ މުއިއްޒު،“ ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް އެހާ ބޮޑަށް ދުއްޕާންކުރި އަދި އަނިޔާވެރި ބައެއް ކަމަށެވެ.
އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ އެ ޕާޓީއަކީ ޑިމޮކްރަސީގެ ނަމުގައި އުޅުނަސް ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށާއި، އެމީހުންގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ. އަދި ’އެޖެންޑާ 19‘ ވިއްކައިގެން ފަސް އަހަރު ވެރިކަން ކުރިއިރުވެސް އޭގެން ރައްޔިތަކަށް ކުރި ރަހަތެއް ނެތް ކަމަށާއި، އެމްޑީޕީއަކީ ގައުމުގެ ކަރާމަތް ދަމަހައްޓަން މަސައްކަތްކުރި ބައެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އޭގެއިތުރުން ޔާމީން ވިދާޅުވީ ކުރިއަށް ދިއުމުގައި މަސައްކަތް ކުރަންވާނީ ފެއިލްވެފައިވާ ނިޒާމުތަކުން އަރައިގަތުމަށް ކަމަށާއި، އަނބުރާ ފަހަތަށް ދެވެން ނެތް ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގެ ހަނދާންތައް ރައްޔިތުންގެ ކިބައިގައި ހުންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.



