ޑޮލަރުގެ ރަސްމީ ރޭޓު 25 ރުފިޔާއަށް ބޮޑުކުރަން އިންޑިޔާއިން އަމުރު ކޮށްފި
ދެންމެ | 22 އޯގަސްޓް 2023

ރާއްޖޭގެ ރަސްމީ ޑޮލަރު އެކްސްޗޭންޖު އަގު 25 ރުފިޔާއަށް މަތިކޮށް ދިވެހި ރުފިޔާގެ އަގު ދަށްކުރުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް ލަފާދީފިއެވެ.

އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާގެ އަގު ދަށްކޮށް ޑޮލަރުގެ އެކްސްޗޭންޖު ރޭޓު މަތިކުރުމަށް އިންޑިއާއިން ލަފާ ދީފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.

އިންޑިއާއިން މިފަދައިން ލަފާދީފައިވާއިރު، ދިވެހި ދައުލަތުގެ ޖުމްލަ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެކި ގޮތްގޮތުން އިންޑިއާއާއި އެ ޤައުމުގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކެވެ.

ފައިސާގެ ރަސްމީ އަގު ދަށްކޮށް ޑޮލަރުގެ އަގު ބޮޑުކުރަން އިންޑިއާއިން ލަފާދިނީ ރާއްޖޭގެ ފައިސާގެ ބުލެކް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.50 ރުފިޔާގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމާއެކު ބޭރު ފައިސާއިން ލިބޭ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. ނަމަވެސް ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤުތިޞާދުގައި ހުރި ދިވެހި ފައިސާގެ އަދަދު ޑޮލަރަށްވުރެ އެތައް ގުނައެއް އިތުރުވުމުން ފައިސާގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިންޑިއާއިން ދިވެހި ފައިސާގެ އަގު ދަށްކޮށް ބޭރު ފައިސާގެ އަގު ބޮޑުކުރަން ލަފާދިން ނަމަވެސް މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސަރުކާރުން ނިންމާފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!