2023ގައި އިންޑިޔާ ބަލިކޮށް މި ވެރިކަމުގައި ’ބޮޑު ސިއްކަ‘ ޖަހާނީ ލޮދިކޮށް: ތޯރިގް
ދެންމެ | 03 އޮކްޓޯބަރ 2022

އިންޑިއާއިން ކިތަންމެ ވަރަކަށް އުޅުނަސް، 2023 ގައި ރައްޔިތުން ނުކުމެ މި ވެރިކަމުގައި ސިއްކަ ޖަހާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވީ ޝިރުކުގެ އަމަލެއްކަމަށް ވަރަށް ގިނަ ދީނީ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ޔޯގާ ހެދުމަށް، އިންޑިއާ ހައިކޮމިޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން މިދިޔަ ޖޫން މަހު ބޭއްވި ހަރަކާތަށް ހުރަސް އެޅި ކަމަށް ބުނެ ގިނަ ބަޔަކަށް ބޮޑެތި ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލުމުންނެވެ.

ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާގެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލުމަކީ އިންސާފެއް ނޫން ކަމަށާއު ދައުލަތެއްގެ ބޭނުމަކީ ރައްޔިތުން ކުށްވެރި ކުރުން ނޫން ކަމަށެވެ.

”ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، އިސްލާމީކް މިނިސްޓަރާއި، ޔޫތު މިނިސްޓަރުގެ ޒިންމާތައް އަދާނުކޮށް ރައްޔިތުން ކުށްވެރި ކުރަންޖެހޭ ސަބަބެއް ނެތެވެ،“ ޓޮމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާކުރި އެންމެން ކެއްތެރިވުމަށް ގޮވައިލައި، އޭނާ ވިދާޅުވީ 2023 ގައި މި ވެރިކަން ބަދަލުކުރާނެ ކަމަށެވެ.

”ކެތްތެރިވާށެވެ. ވޯޓު ކަރުދާސް އަތައް ލިބެން މާގިނަ ދުވަހެއް ނެތެވެ. އިންޑިއާއިން ކިތަންމެ ވަރަކަށް އުޅުނަސް، 2023 ގައި ރައްޔިތުން ނުކުމެ މި ވެރިކަމުގައި ސިއްކަ ޖަހާނެ،“ ޓޮމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!