ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދެންމެ | 14 އޯގަސްޓް 2026

ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 ޖެހިއިރު ޖުމްހޫރީ މައިދާނުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދާއި ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަނލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު އަދި ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެއާއި ރަށްރަށުގައިވެސް އެއް ވަގުތެއްގައި ވަނީ ބާއްވާފައެވެ. މިއީ ކޮންމެ އަހަރަކުވެސް ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ބާއްވާ ހަރަކާތެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދުވަހުގެ ޚާއްސަ ދުޢާއެއްވެސް ވަނީ ކޮށްފައެވެ. އިސްވެ ދުއާ ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒުއްދީން އަދުނާންއެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ހިޖުރީގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެ ގޮތުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޤައުމީ ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނުގެ އުފަން ރަށްކަމުގައިވާ ހއ.އުތީމުގައެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދިނުން އޮންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!