ރާއްޖެއަށް އައި އިނގިރޭސި ޗާގޯސް މެމްބަރ ފަރާޖް، އިސްތިއުދެއްވުމަށް ފަހު އެ ބައި-އިލެކްޝަން ކާމިޔާބުކުރައްވައިފި
ދެންމެ | 14 އޯގަސްޓް 2026

އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމުން ފާޑުކިޔުން އަމާޒުވި ފަހުން އިސްތިއުފާ ދެއްވި, އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް، ކްލެކްޓަންގައި ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައިފިއެވެ.

މައި ޕާޓީތަކުން ބޮއިކޮޓްކޮށްފައިވާ މި އިންތިޚާބުގައި ދެވަނަ ހޯދީ ޑަސްބިނެއްގެ ސިފައިގައި ހުރެ ކެމްޕެއިންކުރި ކޮމީޑިއަން ކައުންޓް ބިންފޭސްއެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ދިން ލަފަޔަކާ ގުޅިގެން ފަރާޖް ވަނީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރި ވަގުތު އެ ތަނަށް ވަޑައިގަތުމުން ދުރުވެވަޑައިގެންފައެވެ.

މި އިންތިޚާބުގައި ވޯޓުލާން ނުކުތީ 44 ޕަސެންޓް މީހުންނެވެ. މިދިޔަ މަހު ސާވޭޝަން އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓެއްގައި ފަރާޖްއަށް 73 ޕަސެންޓް ވޯޓު ލިބޭނެކަމަށް ލަފާކޮށްފައިވީ ނަމަވެސް، އިންތިޚާބުގެ 62.8 ޕަސެންޓް ވޯޓު ފަރާޖް ހޯއްދެވިއިރު، އޭނާއާ އެންމެ ގާތުން ވާދަކުރި ކައުންޓް ބިންފޭސްއަށް ލިބުނީ 26.7 ޕަސެންޓް ވޯޓެވެ.

ކައުންޓް ބިންފޭސްއަކީ ކޮމީޑިއަން ޖޮނަތަން ހާވީ އުފައްދައިގެން އުޅޭ ކެރެކްޓާއެކެވެ. އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި އައިސްކްރީމް ކޯނުގެ އަގު ކޮންޓްރޯލްކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމުގައި ސްޕީކަރަށް ލައިގެން ފޯނުން ވާހަކަދައްކާ މީހުން ސިފައިންގެ ޚިދުމަތަށް ނެރުން ހިމެނެއެވެ.

ނަތީޖާ އިއުލާންކުރުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ފަރާޖް ވިދާޅުވީ، ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށްފަހު، އެއްވެސް ހައިސިއްޔަތެއް ނެތް ބަޔަކު އޭނާއަށް މަލާމާތްކޮށް އަގުވައްޓާލަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ހުކުރު ދުވަހު ދެއްވަން އޮތް ކާމިޔާބީގެ ތަގުރީރު ވެސް އޭނާ ވަނީ ކެންސަލްކުރައްވާފައެވެ.

ކްލެކްޓަންގެ ގޮނޑިއަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، ފަރާޖް މިދިޔަ މަހު މަޖިލީހުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ، ނުބުނެ ހުރި ހަދިޔާތަކެއްގެ މައްސަލައިގައި އޭނާގެ އަގުވައްޓާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ އާ މެންޑޭޓެއް ހޯއްދެވުމަށެވެ. މައި ޕާޓީތަކުން މި އިންތިޚާބު ބޮއިކޮޓްކުރީ މިއީ އޭނާގެ އަމިއްލަ މަންފާއަށް ކުރެއްވި ކަމެއް ކަމަށް ބުނެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު، ރާއްޖެ މަގުން ކަނޑުބޯޓެއްގައި ޗާގޯސް ޖަޒީރާއަށް ދިއުމަށް ފަރާޖް ކުރެއްވި ކުއްލި ދަތުރުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ފަސްދޮޅަސް މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރައިވެޓް ޖެޓެއްގައި އޭނާ ކުރެއްވި މި ދަތުރަކީ އަމިއްލަ ސިޔާސީ މަންފާއަށް ރާއްޖޭގައި ޖެއްސި ސްޓަންޓެއްގެ ގޮތުގައި އިނގިރޭސި ސިޔާސީ މަސްރަހުގައި އޭރު ވަނީ ސިފަކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޖެޓަކީ ފަރާޖަށް ބޮޑެތި މާލީ އެހީތަކެއް ދެއްވަމުން ގެންދަވާ ކްރިޕްޓޯ ބިލިއަނަރު ކްރިސްޓޮފާ ހާބޯންއާ ގުޅުންހުރި އުޅަނދެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!