ގާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫއުގެ ދަށުން ހއ. އުތީމުގައި ތަރައްގީކޮށްފައިވާ ”ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި“ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ރައީސް މި ދޮރޯށި ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ބަެއްވި ހަރަކާތެއްގެ ތެރެއިން ނެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކުރެވިފައިވަނީ އެތަކުރުފާނުގެ ތާރީހީ ޖިހާދު ރަމްޒުކުރެވިގެންދާ ގޮތަށެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނޭއިރު، މި ތަނބުތައް ފަރުމާކުރެވިފައިވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި 6 ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަތަލުންނެވެ.
ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، ގާޒީ ބަންޑާރައިން (އުތީމު މުހައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތް ކުރުމަށް ހއ. އަތޮޅުގައި ހާއްސަ ޤައުމީ މަޝްރޫއެއް ކުރިޔަށްގެންދާއިރު، މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްޤީކުރުމުގެ މަޝްރޫއު އިފްތިތާހުކުރެއްވީ، ރައީސް މުއިއްޒު ހއ. އުތީމަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގަ އެވެ.



