ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، އެކަން އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ އިއުލާން ކުރައްވައިފި އެވެ.
ޝާހިދު އެކަން އިއުލާން ކުރެއްވީ އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ކެމްޕޭން ފެއްޓުމުގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް އިއުލާން ކުރައްވައިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން މިރޭގެ ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ އާއި އެމްޑީޕީގެ ނައިބް ރައީސް އަދި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިންގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ހިމެނިވަޑައިގަންނަވަ އެވެ.
ޕްރައިމަރީގައި ވާދަކުރައްވަން ޝާހިދު ނިންމެވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް އެކަން ރަސްމީކޮށް އެ މަނިކުފާނު އަދި އިއުލާން ކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ ފައްޔާޒަށެވެ.
އޭގެ އިތުރުން ނިމިގެންދިޔަ ސަރުކާރުގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.



