ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި މައްސަލައިގައި ހައްޔަރުކުރި މީހާ މާފުށީ ކޯޓުން ބަންދުން ދޫކޮށްލުމުން، އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.
މީގެ ދެ މަހެއްހާ ދުވަސް ކުރިން (މެއި 24 ވަނަ ދުވަހުގެ ދަންވަރު) ހިންގި އޮޕަރޭޝަނެއްގައި، ޑްރޯނެއް ބޭނުންކޮށްގެން 395.92 ގްރާމްގެ މަސްތުވާތަކެތި މާފުށީ ޖަލަށް ވައްދަން އުޅެނިކޮށް ހައްޔަރުކުރީ ކ. ކާށިދޫ މީހެކެވެ.
މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަކަށް ސަމާލުވެގެން ހިންގި އޮޕަރޭޝަނެކެވެ. މި ކަމުގައި ކާށިދޫ މީހާގެ އިތުރުން މ. އަތޮޅު މީހަކުވެސް ހިމެނޭ ކަމަށް ދައުލަތުން ބުނެއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު އޮތް ނަމަވެސް، މާފުށީ ކޯޓުން ވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައެވެ. ދައުލަތުން އިސްތިއުނާފުކުރީ އެ ނިންމުމެވެ.
މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.



