ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް އިސްލާމްވެއްޖެ ކަމަށް ބުނެފި
ދެންމެ | 19 އޯގަސްޓް 2026

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ޤަބޫލުކޮށްފައިވާ ކަމަށް ތުރުކީގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު ހާމަކުރައްވައިފިއެވެ.

މި ޚަބަރު ހާމަކުރައްވާފައިވަނީ ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. އޭނާ މިކަން ހާމަކުރެއްވީ ބްރެޒިލްގެ ސައޮ ޕައުލޯގައި އެ ޤައުމުގެ މުސްލިމް ޖަމާޢަތްތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

ޝާހިން ވިދާޅުވި ގޮތުގައި، ކާލޯސް އިސްލާމްދީން ޤަބޫލުކުރި ޚަބަރު އޭނާއަށް ލިބިވަޑައިގަތީ ބްރެޒިލްގެ މުސްލިމް މުޖުތަމަޢުގެ އިސް ޝަޚުޞިއްޔަތެއް ކަމަށްވާ އަދި ނޭޝަނަލް އެސޯސިއޭޝަން އޮފް އިސްލާމިކް ޖޫރިސްޓްސް (އަނާޖީ) ގެ ނައިބު ރައީސް ޝައިޚް ޖިހާދު ޙައްމާދާގެ ފަރާތްޕުޅުންނެވެ.

ޝައިޚް ޖިހާދާ ޙަވާލާދީ ޝާހިން ވިދާޅުވީ، ކާލޯސް ޝައިޚާ ވާހަކަދައްކަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މީގެ ގާތްގަނޑަކަށް ހަތަރު ހަފުތާ ކުރިން ޝައިޚްގެ އަރިހަށް ގޮސް ކާލޯސް ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމްވެފައިވާ ކަމަށެވެ.

ސައޮ ޕައުލޯގެ އިސްލާމިކް ޗެރިޓަބަލް ޔޫތު ލީގުގައި ބޭއްވި މި ބައްދަލުވުމަށްފަހު، ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ޝާހިން ވަނީ ކާލޯސް އިސްލާމްދީން ޚިޔާރުކުރުމާ ގުޅިގެން މަރުޙަބާ ދަންނަވައި، އޭނާއަށާއި އޭނާގެ ޢާއިލާއަށް އަމަންއަމާންކަމާއި ދުޅަހެޔޮކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް ޗެރިޓަބަލް ޔޫތު ލީގުގެ ރައީސް ޝަރީފް ނެޓޯ އާއި ޕާރީ މޮސްކް ފައުންޑޭޝަންގެ ރައީސް އުމަރު އަރެފްގެ އިތުރުން ބްރެޒިލްގެ އިސްލާމީ އެކި ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޢުމުރުން 53 އަހަރުގެ ކާލޮސް ދާދިފަހުން ވަނީ ސްޕެއިންގައި މަސައްކަތްކުރާ މޮރޮކޯ ނަސްލުގެ މަޝްހޫރު ފުޓްބޯޅަ އޭޖެންޓެއް ކަމަށްވާ ސުހައިލާ އަލް ތުހައިރީއާ ކައިވެނިވެސް ކޮށްފައެވެ.

ރެއާލް މެޑްރިޑް އަދި ތުރުކީގެ ފެނަބާޗޭއަށްވެސް ކުޅެފައިވާ ކާލޮސް، އޭނާ އިސްލާމްދީން ޤަބޫލުކުރިކަން އަދި ރަސްމީކޮށް ޢާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!