ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ރީތީގެ މުބާރާތް ކަމަށްވާ މިސް ވޯލްޑްގެ ”ހެޑް ޓު ހެޑް ޗެލެންޖު“ ގެ އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ގަދަ ފަހެއްގައި ރާއްޖޭގެ މަރިޔަމް އީމާ މުހައްމަދު ހިމެނިއްޖެ އެވެ.
މިސް ވޯލްޑް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި، އޭޝިއާ އަދި އޯޝޭނިއާ ބައްރުން އީމާއާ އެކު ދެން ގަދަ ފަހެއްގައި ހިމެނެނީ ކުކް އައިލެންޑްސް، ކޮރެއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ ބައިވެރިންނެވެ. މިއީ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތެއްގައި ބޮޑެތި ގައުމުތަކާ ވާދަކޮށް ރާއްޖެ ތަމްސީލުކޮށް އީމާ ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި ޗެލެންޖުގެ ގަދަ ފަހަކުން އީމާއަށް ޖާގަ ލިބުނީ އޭނާ ދެއްކި ވާހަކަތަކާއި ހިއްސާކުރި ކަންކަމަށް ބިނާކޮށެވެ. އީމާ ވާހަކަދައްކާފައިވަނީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންނެވެ.
މިހާރު ބާކީ އޮތީ އެންމެ ފަހު މަރުހަލާގައި ސުވާލަށް ދޭ ޖަވާބަކުން މުބާރާތުގެ ގަދަ ސާޅީހުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު އީމާއަށް ލިބޭނެއެވެ.



