ޔާމީން ވަގަށް ނެގި ފައިސާ ހޯދިއްޖެނަމަ ޑޮލަރު މައްސަލައަށް ހައްލު ލިބޭނެ: ފަލާހް
ދެންމެ | 29 އޯގަސްޓް 2026

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުން ވަގަށް ނެގި އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވެފައިވަނީ ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ސަރުކާރުން ބަދަލުކުރި ކުރުމާ ރިސޯޓްތަކުން ދެކޮޅު ހަދަން ޖެހޭ ކަމަށް ޔާމީން ރޭ ވިދާޅުވުމާ ގުޅިގެންނެވެ. ޔާމީން ވިދާޅުވީ އެ ނިސްބަތަށް ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.

”ކޮންމެ ރިސޯޓަކުން އެބަ ޖެހޭ ބުނަން ތިމަންނަމެންނަކަށް މި ކަން ނުކުރެވޭނެއޭ. ހުރިހާ ރިސޯޓްތަކަށް މި ކަމުން ވާނީ ގެއްލުން. ރިސޯޓްތައް ބަންދުކުރިއަސް އެ މީހުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭ،“ ޔާމީން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތު ދިނުން ކަމަށެވެ. މީގެއިން ވެސް ހާމަވަނީ ޔާމީންގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަމާއި ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ ފަހަކަށް އައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރަމުންދާ މަސައްކަތުން ހާމަވަނީ އެމަނިކުފާނު ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވާ މިންވަރު ކަމަށާއި މިއަދުވެސް ޔާމީނު ފަދަ ޚާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ޤައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

”ޔާމީނު ދަޢުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދަޢުލަތަށް ހޯދިއްޖެނަމަ މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ،“ ފަލާހު ވިދާޅުވި އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރު ކުރަން މަޖިލީހުން ފާސްކުރި އިރު ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!