ފެޝަން 70 އަހަރުތަކަށް ބަދަލުކޮށް ބައިސްކަލު ދުއްވަން މިނިސްޓަރު ސައީދު އިލްތިމާސްކުރައްވައިފި
ދެންމެ | 10 ސެޕްޓެމްބަރ 2026

ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން، 1970 އާއި 1980 ގެ އަހަރުތަކެކޭ އެއްފަދައިން ދުވަހުގެކަންކަމުގައި ތަންތަނަށް ދިއުމަށް ބައިސްކަލު ބޭނުންކުރުން އާންމު ފެޝަނަކަށް ހެދުމާމެދު ވިސްނުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާޒީގައި ރާއްޖޭގައި ވަރަށް ރީތި ބައިސްކަލްތައް ގެންގުޅުނު ދުވަސްވަރެއް ދިޔަ ކަމަށާއި، އޭރު ސްކޫލްތަކަށާއި ތަންތަނަށް ދިއުމަށްވެސް ބޭނުންކުރީ ބައިސްކަލް ކަމަށެވެ.

އަދި މިހާރުގެ ޒަމާނުގައި ބެޓެރި ސައިކަލު ފަދަ ވަސީލަތްތައް ގެންގުޅުނު ނަމަވެސް، ބައިސްކަލް ދުއްވުމަކީ ”އޯލްޑް ފެޝަން“ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހިނގާބިނގާވެ އުޅުމާއި ބައިސްކަލު ބޭނުންކުރުން ފަދަ ދުޅަހެޔޮ އާދަތައް އިޖުތިމާއީ ފެޝަނަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މިފަދަ ވާހަކައެއް ދެއްކެވުމުން މީމްސް ހަދައި މަލާމާތް ރައްދުވި ނަމަވެސް، މިކަން ރަނގަޅު ގޮތުގައި ކުރަން ބޭނުންވާ މީހުންވެސް ތިބޭނެ ކަމަށެވެ.

އެހެންކަމުން ސިއްހަތަށް ފައިދާހުރި މިފަދަ ހަރަކާތްތައް ފެށި، އާންމުންގެ ތެރޭގައި އާލާވުމަކީ ބޭނުންތެރި ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!