ރައީސުލްޖުމްހޫރިއްޔާ، ބަހްރައިނުގެ ރަސްގެފާނާއެކު މަޝްވަރާތައް ބާއްވައިފި
ދެންމެ | 06 އޮކްޓޯބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މި މަޝްވަރާތައް ބާއްވަވާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން ބަހްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ބޭއްވެވި ރަސްމިއްޔާތަށްފަހުއެވެ.

ބަހްރައިންގެ ޝާހީ ގަނޑުވަރު، އަލްގުދައިބިޔާ ގަނޑުވަރުން ރައީސްގެ ދެ ކަނބަލުންނަށް މިއަދު މަރުހަބާ ދެންނެވީ ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއެވެ.

ބަހްރައިންގެ ރަސްގެފާނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ކުރިއަށް އޮތްތަނުގައި ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރައީސްގެ މި ދަތުރުފުޅަކީ ބަހްރެއިނާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނޭ ދަތުރަކަށްވާނޭކަމަށްވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ބަހްރެއިނުން އަދާކުރައްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބަހްރައިނަށް ވަޑައިގަތީ އިއްޔެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މުހިއްމު އެއްބަސްވުންތަކެއްގައި މި ދަތުރުފުޅުގައި ސޮއިކުރާނެއެވެ.

މިއީ ރާއްޖޭގެ ރައީސަކަށް ބަހްރައިނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ބަހްރައިނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 24 މާޗު 1980 ވަނަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!