އަޅުގަނޑުމެން ހަނގުރާމަ މިކުރަނީ އިންޑިޔާ ދެކޮޅަށް: ރައީސް ޔާމީން
ދެންމެ | 17 އޮކްޓޯބަރ 2022

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމުން ”ފައިޓްކުރަނީ“ އެމްޑީޕީއާއި ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. ބާރަށަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ޕީޕިއެމުން ބޭއްވި ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެޕާޓީން ފައިޓް ކުރަނީ އެމްޑީޕީ އާއި ނޫން ކަމަށެވެ. ޕީޕިއެމުން ކުރާ މަސައްކަތަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެމަސައްކަތަކީ އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ތަންތަން ހިފައިގެން ތިބި ތިބުމާއި ދެކޮޅަށް ކުރާ މަސައްކަތެެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ މި ފައިޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާ ވަރުގަދަ ވެގެން ނޫނީ އެޕާޓީގެ މާ ވަރުގަދަ އިމްތިޒާމް ތަކެއް ހުރެގެން ރިޔާސީ އިންތިޚާބު ކާމިޔާބުވާނެތޯ ނޫންތޯ، އެމަސައްކަތެއް ނޫން މިކުރަނީ. އަޅުގަނޑުމެން ކުރާނީ މަސައްކަތް، މާތްﷲ ގެ މަދަދާއެކު، އިންޝާ ﷲ، 2023މިއަންނަ އަހަރަކީ އަޅުގަނޑުމެންގެ އަހަރު. އެއީ ދިވެހިންގެ އަހަރު،“ ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ ޕީޕިއެމަށް ރިޔާސީ އާ ދައުރެެއް ރައްޔިތުން ދީފިނަމަ އެއީ ދިވެހިން އެދޭ ހައްގުގެ މަގުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އެމަސައްކަތުގެ ނަތީޖާ އަކަށް ވެގެންދާނީ ކުރިން އޮތްގޮތަށް ރާއްޖެ އަޅުވެތި ކަމުން ސަލާމަތްވެ ސިޔާދަތީ ބާރު ފުރިހަމައަށް އޮތް، މިނިވަންކަމާއި އިސްތިގުލާލު ދެމިގެންދިޔުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

”އެމަސައްކަތާއި އެކީގައި ތަރައްގީއާއި ތަހުޒީބާ ތަމައްދުން އަންނާނީ ދެއްތޮ، އަޅުގަނޑުމެންނަށް ތަހުޒީބު އަންނަންވީ، އަޅުގަނޑުމެން ތަރައްގީކުރަންވީ ސިކުނޑީގެ ތަރައްގީ އެކަމު އެއީ ޖަޒީރާ ތަރައްގީ އެއްނޫން.“ ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމީން ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަނީ އެއަތޮޅު ދިއްދޫއަށް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!