ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ މަތީ މަޖިލިހުގެ އިންތިހާބު ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ އެންމެ ފުރަތަމަ ގައުމުގެ ކުރިމަގު ބައްޓަން ކުރުމަށް ލާމާސީލު މިސާލު ދައްކަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީގެ ކޮންގްރެސްއަށް މެމްބަރުން އެއްވެ ތިބީ އެންމެ ފުރިހަމަ މިންވަރުގައި ކަންކަން ފޯރުކޮށްދިނުމަށާއި ޕާޓީގެ ދައުރު ފުޅާކޮށް، އެކުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށެވެ.
’ގައުމު‘ އެއީ އެ ޕާޓީގެ އެންމެ ފުރަތަމަ ޝިއާރު ކަމަށާއި ޕާޓީގެ މެމްބަރުން ކުރިއަށްދާނީ އެކަން ހަދާނުގައި ބަހައްޓައިގެން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”ގައުމުގެ ކަންކަން ކުރުމުގައި ޕާޓީގެ ދައުރު ފުޅާކޮށް، އިތުރުކޮށް ޕާޓީގެ ހުރިހާ ގުނަންތަކެއް އެކުގައި މަސައްކަތްކޮށް، ޕާޓީގެ ހުރިހާ މެމްބަރުން އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތަނަށް އައިސް މި ތިބީ،“ ރައީސް ވިދާޅުވި އެވެ.
”ރާއްޖޭގެ ސިޔާސީ މައިދާން، މިހާރު މި އޮތް ހާލަތުން އިތުރަށް ފުރިހަމަ ހާލަތަކަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން މިސާލު ދައްކާނެކަމީ އަޅުގަނޑުމެން ޔަގީން ކުރާނެ ކަމެއް.“
ރައީސް މުއިއްޒު ވިދާޅުވީ ވެރިކަން ފެށުނުއިރު ޕީއެންސީގައި ތިބީ އެންމެ 3،000 މެމްބަރުން ނަމަވެސް މިއަދު އެ އަދަދަު ގާތްގަނޑަކަށް 80،000 އަށް އަރާފައިވާ ކަމަށެވެ.
އެއީ ޕާޓީގެ ހުރިހާ މެމްބަރުން ޕާޓީ ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަކުރާއިރު އެތެރޭގެ އިންތިހާބުގައި ހޮވަނީ އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށެވެ.
މެމްބަރުންގެ އަދަދު މިހާރު 77،000 އަށް ވުރެ ގިނަ އެ ޕާޓީގެ ކޮންގްރެސް އޮންނާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.


