މެލޭޝިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރު ދޭން ނިންމައިފި
ދެންމެ | 15 ސެޕްޓެމްބަރ 2026

މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީއަކަށް ރާއްޖޭން އެދިފައިވާ ކަމަށާއި، މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް އެ ހުށަހެޅުމަށް ޕޮޒިޓިވް އިޖާބައެއް ދޭނެ ކަމަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ. އެ މަޝްވަރާތަކަށް ފަހު ރައީސް މުއިއްޒު އާއި ބޮޑުވަޒީރު އަންވަރު ވަނީ ޕްރެސް ސްޓޭޓުމެންޓުތައް ދެއްވައިފަ އެވެ.

ބޮޑުވަޒީރު އަންވަރުގެ ސްޓޭޓުމެންޓުގައި ވިދާޅުވީ މެލޭޝިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީތަކަށް ރާއްޖެއިން އެދިފައިވާކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި ކަމަށާއި އެ ހުށަހެޅުމަށް އަވަސް އިޖާބައެއް ދެއްވާނެ ކަމަށެވެ.

”އެމްއެމްއޭން ހުށަހަޅާފައިވާ 100 މިލިއަން ޑޮލަރުގެ އޮނާސް ފެސިލިޓީގެ ޕްރިންސިޕަލްތަކަށް އެއްބަސް ވެވިއްޖެ،“ މި ފެސިލިޓީ ހަމަޖެއްސުން އަވަސް ކުރުމަށް ދެ ގައުމުގެ މަރުކަޒީ ބޭންކުން އެކުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި އަންވަރު ވިދާޅުވި އެވެ.

އަދި މިކަން ހަމަޖެހެނީ އިތުބާރާއި ގާތް ގުޅުމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި 2،000އަށް ވުރެ ގިނަ ދިވެހި ދަރިވަރުން މެލޭޝިއާގައި ތައުލީމު ހާސިލްކުރަމުން އަންނަކަން ފާހަގަ ކުރައްވައި، ދިވެހި ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ރާއްޖެއިން ހުށަހަޅާފައިވާ ކަންތައް ހައްލު ކުރުމަށް ކެބިނެޓުގައި މަޝްވަރާ ކުރައްވާނެ ކަމަށާއި އެކަންތަކަށް އެދެވޭ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް ކިޔަވާ ކުދިންގެ ބެލެނިވެރިންނަށް ވިސާގެ ކަންތައް ފަސޭހަކޮށްދީ، ދަރިވަރުން ކައިރީ މަޑުކުރުމަށް މިހާރަށް ވުރެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސޭނެކަން މެލޭޝިއާގެ ބޮޑުވަޒީރު ފާހަގަ ކުރެއްވި އެވެ.

 

މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ:

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ގުޅުުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ޖޮއިންޓު ކޮމިޝަނެއް އެކުލަވާލާ، މިއަހަރު ނިމުމުގެ ކުރިން އެ ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން މެލޭޝިއާގައި ބޭއްވުމަށް ރަސްމީ މަޝްވަރާތަކުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަމަށް

މެލޭޝިއާގެ ޕެޓްރޯނަސް މެދުވެރިކޮށް ރާއްޖޭން ތެލާއި މިނަރަލް ހޯދުމުގެ ދިރާސާތަކަށް އެހީތެރިކަން ހޯދުމަށް ރާއްޖެއިން އެދިފައިވާތީ އެ ކަމާ ގުޅޭ ގޮތުން އެ ކުންފުންޏާ މަޝްވަރާ ކުރައްވާނެ ކަމަށް

ރެސިޕްރޮކަލް އެރޭންޖުމެންޓެއްގެ ދަށުން ރާއްޖެ-މެލޭޝިއާ އެމްބަސީގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރާއްޖެ އިން އެދުނުކަމަށް. އެކަމާ ގުޅޭ މަޝްވަރާތައް ޖޮއިންޓު ކޮމިޝަނުގައި ކުރައްވާނެ ކަމަށް ވިދާޅުވި

މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް

އަންވަރުގެ ވާހަކަފުޅުގައި، ފަލަސްތީނާ ގުޅޭ ކަންކަމުގައި ރާއްޖެ އާއި މެލޭޝިއާގެ ސިޔާސަތު އެއްގޮތްކަން ފާހަގަ ކުރައްވައި ވިދާޅުވީ ދެ ގައުމު ގުޅިގެން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމުގައި ދެމިތިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!