ދިވެހިންނަށް ދުރޫސުލް އަހްލާގް އުގަންނައިދޭން ޖެހޭ: ރައީސް ސޯލިހް
ދެންމެ | 08 އޮކްޓޯބަރ 2022

އަދަބު އަޚްލާޤުގެ ރޮނގުން އަޅުގަނޑުމެންގެ އުޅުމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، އަޅުގަނޑުމެންގެ ތެރެއަށް އިޞްލާޙީ އެތައް ބަދަލުތަކެއް މިއަދު ބޭނުންވެފައިވާ ކަމަށެވެ. އެގޮތުން އަދަބު އަޚްލާޤުގެ ރޮނގުން އުޅުމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އަދި އިޖްތިމާޢީ ހަމަތަކާއި އުޞޫލުތަކަށް އިޙްތިރާމްކުރުމުގެ އާދަ އަށަގަންނުވަންޖެހޭ ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހޭ ކަމަށާއި މުޖްތަމަޢުގައި ހަމަޖެހުމާއި އުފާވެރިކަން ޤާއިމުވެ އޮންނާނީ އެފަދަ ބަދަލުތަކެއް ގެނެވިގެން ކަމަށެވެ. ރައީސްގެ ޚިތާބުގައި އިތުރަށް ވިދާޅުވީ ހަސަދަވެރިކަން ދޫކޮށް ހިތްހެޔޮކަން އިސްކޮށް ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުޢާމަލާތުކުރަންޖެހޭ ކަމަށެެވެ.

”ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް، ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުޢާމަލާތުކުރުމަކީ، އިޖްތިމާޢީ ހަމަޖެހުން ޤާއިމުވުމުގެ އިތުރުން، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ކޮންމެ މީހަކާ ވެސް ހިނިތުންވުމާއި އުފާވެރި މޫނަކާއެކު ބައްދަލުކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންޖެހެއެވެ.“ ރައީސްގެ ޚިތާބުގައިވެއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ކީރިތި ރަސޫލާގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެެ. އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށެް ރައީސް ވިދާޅުވި އެވެ. އަދި އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަން ރައީސްގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުން ކަމަށެެވެ. އަދިި ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުން ކަމަށާއި ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ ޢަފޫކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

”ރުޅިވެރިކަމުގެ މައްޗަށް އިސްކުރެއްވީ އެކުވެރިކަމާއި ޞުލްޙަވެރިކަމެވެ. ގުޅުން ކެނޑުއްވުމުގެ ބަދަލުގައި ކޮންމެ ބަޔަކާ އެކުގައިވެސް ގުޅުން ބަދަހިކުރެއްވުމަށް އިސްކަން ދެއްވިއެވެ. އޭގެ ސަބަބުން، ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ހެޔޮލަފާ އުންމަތެއް އުފަންވެގެން ދިޔައެވެ.އަޅުގަނޑުމެންނަކީ ވެސް، އެ މަތިވެރި އުންމަތުގެ ފަރުދުން ކަމަށްވާއިރު، އެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރުމަކީ، އެ މާތް ޒިކުރާ އާކުރުމުގެ އެންމެ މުހިންމު ބޭނުމެވެ.“ ރައީސް ފޮނުއްވި ޚިތާބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކީރިތި ރަސޫލާ ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށެވެ. އަދި އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ދިރިއުޅުމުން އެ ކުދިންނަށް ނަމޫނާ ދައްކައި މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެން ކޮންމެ މީހަކީ، ނުރަނގަޅު އެންމެހައި ކަންކަމަށް ޢަމަލާއި ބަހުން ނޫނެކޭ ބުނާ މީހަކަށް ވުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރަށްވާފައެވެެ

ގުޅުންހުރި ލިޔުންތައް
  1. އަންނ ޒިންމާ

    ކަލޭމެން ތިވާހަކަ ދައްކަން ތާހިރެއްނޫން. އެމްޑީޕީ އުފެދިގެން އައިސްް ހޭވި ހަޑި މިހާރު މި ރާއްޖެއިންް މިފެންނަނީ.