އާ ރަންވޭ އާއި ޓާމިނަލާއި ސީޕްލޭން ޓާމިނަލްގެ މޭސްތިރިއަކީ އަދީބު، އޮޅުވާނުލާ: އެމްޓީޑީ
ދެންމެ | 10 އޮކްޓޯބަރ 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް، އެ ތަނުގައި އާ ރަންވޭއެއް އެޅުމުގެ މަސައްކަތްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށް އެ މަނިކުފާނުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.

ޔާމީންގެ ވެރިކަމުގައި ހަދަން ފަށައި އެ ވެރިކަމުގެ ފަހުކޮޅު ރަސްމީކޮށް ހުޅުވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭނުންކުރަން ފެށި އާ ރަންވޭގެ ހުރިހާ ކްރެޑިޓެއް ޔާމީން ނަންގަވާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް، އެމްޓީޑީ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބާ އާއި އާ ރަންވޭއާ ގުޅުވައިގެން ޔާމީނާއި ކަމުގެ މައުލޫމާތު ނޭނގޭ އެހެން މީހުން، ދިވެހި ތާރީހަށް ހިޔާނާތްތެރިވެ، މާޒީގެ މަސައްކަތްތަކުގެ ހަގީގަތް އޮޅުވައިލުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެހެންވެ، އެއީ ”މުޑުދާރު“ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، އެ ކަން އެ ޕާޓީން ކުށްވެރި ކުރި އެވެ.

އެކަމުގެ ހަގީގަތް ކަމަށް ބުނެ އެ ބަޔާނުގައި ބުނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން ވީއައިއޭ 2012 ގައި އަނބުރާ ހޯދި ދުވަސްވަރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކަމަށާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު އެއާޕޯޓް ތަރައްގީކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓާ ޕްލޭނުގެ ދަށުން ދެ ވަނަ ރަންވޭ އެޅުމަށް ނިންމީ އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.

އެ ބަޔާނުގައި 2014 ވަނަ އަހަރާއި 2015 ގައި ސްކޮޓްވިލްސަން މާސްޓާ ޕްލޭނަށް ބަދަލުތަކެއް ގެނެސް އިތުރަށް ފުރިހަމަކުރުމަަށް ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަދީބުގެ މޭސްތިރިކަމުގެ ދަށުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސްގެ ބޭފުޅުން ރާއްޖެ އަށް އައުމަށް ދައުވަތު ދެއްވި ކަމަށެވެ.

”އެ ދައުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް ރާއްޖެ އައިސް އެމްއޭސީއެލްއާ އެކީގައި މަސައްކަތްކޮށް މާސްޓާ ޕްލޭން ވަނީ ފުރިހަމަކޮށްފައި،“ ބަޔާނުގައި ވެ އެވެ.

ކަމެއް ގޯސްކޮށް ދިއުމަކީ އެ މީހާގެ ބޮލަށް ހުރިހާ ގޯހެއް ފައްތާފައި އެ މީހަކު ކުޅަ ގައުމީ ހިދުމަތްތައް ތާރީހުން ފޮހެލެވޭނެ ކަމެއް ނޫނެވެ. އަދި އަހުމަދު އަދީބުގެ ހިދުމަތް ފަނޑުކޮށް ފުހެލުމަށް ޔާމީން ކިތަންމެ މަސައްކަތް ކުރެއްވިޔަސް އަދީބުގެ ގައުމީ ހިދުމަތަކީ ދިވެހި އުޑުދަށުން ފިލައިގެންދާނެ ކަމެއް ނޫނެވެ،“ — އެމްޓީޑީ

އެމްޓީޑީން ބުނިގޮތުގައި، ޗައިނާގެ ބީޔޫސީޖީ އަށް ދައުވަތު ދީގެން ރާއްޖެ ގެނައުމަށާއި ވީއައިއޭގެ ދެވަނަ ރަންވޭ އާއި ފިއުލްފާމާއި އެއާކާގޯ ޓާމިނަލާއި ސީޕްލޭން ޓާމިނަލަކީ ވެސް ފަހުން އެ ފަރާތާ ހަވާލުކޮށް، ޗައިނާގެ އެގްޒިމްބޭންކުން ފެސިލިޓީ ހޯދައިގެން، ގައުމުގެ ހައްގުގައި އަދީބު ކުރެއްވި މަސައްކަތެވެ.

އެމްޓީޑީން ބުނީ، އެ މަސައްކަތްތައް އަދީބު ކުރެއްވިއިރު ޔާމީން ގިނައިން އުޅުއްވީ ސިންގަޕޫރާއި އާރަށުގައި ”ތާސްކުޅުމާއި ކަރުތާ ފެނަށް މޫދަށް އެރި އެކި ކުޅިވަރުތައް ކުޅުމުގައި“ ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ ތަރައްގީގެ އެއްވެސް ކްރެޑިޓެއް އަދީބަށް ނުދެއްވުމުން އެކަމާ ނުރުހުންވެ ނެރެފައިވާ އެ ބަޔާނުގައި ބުނީ، އަދީބު 2012 ގައި ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވިއިރު، ރާއްޖޭގެ ޓޫރިޒަމް މަރުކާގެ ގޮތުގައި ބޭނުންކުރި ”ސަނީ ސައިޑް އޮފް ލައިފް“ ވެސް އޮތީ ”ކުނިވަށިގަނޑެއް“ ގައި ކަމަށެވެ. އެކަމަކު އެ ބްރޭންޑް އިޔާދަ ކުރުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ފެއްޓެވި ކަމަށާއި އޭގެ ނަތީޖާއަކީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެސް އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވެވުން ކަމަށް ބުންޏެވެ.

ބޭރުގެ ޗެނަލްތަކާއި ސެލެބްރިޓީންގެ އިތުރުން ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މީހުންގެ އެހީގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ދުރު ވިސްނުން ގެންގުޅުއްވީ ވެސް އަދީބު ކަމަށް އެމްޓީޑީ އިން ބުނެ އެވެ.

އެ ޕާޓީން ބުނިގޮތުގައި ހަތަރު ވަނަ ޓޫރިޒަމް މާސްޓާޕްލޭން 2013 ގައި އެކުލަވައިލައި ތަންފީޒު ކުރުމަކީ ވެސް ވެސް އަދީބުގެ މަސައްކަތްޕުޅެކެވެ. މިހާރު ވެސް ތަންފީޒު ކުރަމުން އަންނަނީ އަދީބު ޑިޒައިން ކުރެއްވި ޕްލޭން ކަމަށް ބުންޏެވެ. އަދި ޓޫރިޒަމް ސިނާއަތު މަޑުޖެހިފައިވަނިކޮށް، ރިކޯޑް އަދަދަކަށް އިންވެސްޓަރުން ހޯދައި އެކި އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރެއްވި ބޭފުޅަކީ ވެސް އަދީބު ކަމަށް އެ މަނިކުފާނުގެ ޕާޓީން ބުންޏެވެ.

ދިވެހި ތާރީހު އޮޅުވާ ނުލުމަށް ގޮވައިލާ ނެރުނު އެ ބަޔާނުގައި ބުނީ ސިނަމާލެ ބްރިޖާއި ހުޅުމާލޭ ފޭސް ދޭއްގެ މަސައްކަތަކީ ވެސް ސީދާ އަދީބުގެ އިސްނެންގެވުމުގެ ދަށުން ޕްލޭންކޮށް، ފައިސާ ހޯދައި އެއްބަސްވި ބިޔަ މަޝްރޫއުތަކެއް ކަމަށެވެ. އަދި ފ. އަތޮޅު ޕްރޮޖެކްޓާއި އައިހެވެން އަކީ 2012 އިން ފެށިގެން އަދީބު ނެގޯޝިއޭޓް ކުރައްވައި، ޕްލޭންކުރެއްވި ދެ މަޝްރޫއު ކަމަށް ބުންޏެވެ.

އެމްޓީޑީ އިން ބުނިގޮތުގައި އަދީބު ފްރޭމްކޮށް، ޖަލަށްލީ އެ މަނިކުފާނު ހުންނަވައިފި ނަމަ، ޔާމީނަށް ތަރައްގީގެ އެއްވެސް ކްރެޑިޓެއް، ތައުރީފެއް އަދި ސަނާއެއް ވެސް ނުލިބޭނެތީ އެވެ. އަދީބު ޖަލަށް ލި ހިސާބުން ޔާމީނަށް ބައެއް ޕްރޮޖެކްޓްތައް ކާމިޔާބު ނުކުރެވުނު ކަމަށާއި 2018 ގައި އިންތިހާބު ވެސް ކާމިޔާބުނުވެ، މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލި ކޯޓުތައް ވެސް ދެކޮޅުވުމުން ޔާމީން މަސައްކަތްޕުޅު ކުރެއްވީ ދިފާއަށް ކަމަށް އެ ބަޔާނުގައިވެ އެވެ.

”ކަމެއް ގޯސްކޮށް ދިއުމަކީ އެ މީހާގެ ބޮލަށް ހުރިހާ ގޯހެއް ފައްތާފައި އެ މީހަކު ކުޅަ ގައުމީ ހިދުމަތްތައް ތާރީހުން ފޮހެލެވޭނެ ކަމެއް ނޫނެވެ. އަދި އަހުމަދު އަދީބުގެ ހިދުމަތް ފަނޑުކޮށް ފުހެލުމަށް ޔާމީން ކިތަންމެ މަސައްކަތް ކުރެއްވިޔަސް އަދީބުގެ ގައުމީ ހިދުމަތަކީ ދިވެހި އުޑުދަށުން ފިލައިގެންދާނެ ކަމެއް ނޫނެވެ،“ އެމްޓީޑީގެ ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުން 452 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި އާ ރަންވޭ، މި ސަރުކާރުގައި ބޭނުންކުރަން ފެށިއިރު އަދީބު ވިދާޅުވީ އެ ތަނާ އެކު ރާއްޖެއަކީ މި ސަރަހައްދުގެ އޭވިއޭޝަން ހަބަށް ވުމަށް އުއްމީދުކުރައްވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!