ނޫމަޑީގެ 895 މިލިޔަން، ފޮނުވީ ކަޅު ފައިސާ ދޮންނަ މައި ގައުމަށް، ’ދެނަހުރި ބައި‘ ލިބުނީ ކޮން ބަޔަކަށް ތަ؟
ދެންމެ | 11 އޮކްޓޯބަރ 2022

ދިވެހި ތާރީހްގައި ގެއްލުމުގެ ބަދަލެއްގެ ނަމުގައި ސަރުކާރަކުން ދިން އެންމެ ބޮޑު އަދަދުގެ ފައިސާ ޖަމާކޮށްފައި ވަނީ ދުނިޔޭ ފައިސާ ދޮންނަ ގައުމުގެ ގޮތުގައި މަސްހޫރު ގައުމު ލެކްޓެންސުޓައިން ގައި ހުރި ނޫމަޑީގެ އެކައުންޓަކަށް ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެވެ.

ދިވެހި ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ނަމުގައި 20 ޖެނުއަރީ 2011 ގައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމެއް ރޫޅި ހިގާދިޔަ ކަންތައް ކަނޑަށް ފަހު ކޯޓުން ބޭރުން މިފައިސާ ދިނުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ބަދަލުދޭ ކޮމެޓީން ނިންމި ނިންމުމާއި އެކު އެކުންފުންޏަށް ދިވެހި ދައުލަތުން ވަނީ 895 މިލިޔަން ރުފިޔާ (58 މިލިޔަން ޑޮލަރު) ގެ ބޮޑު ބަދަލެއް ދީފަ އެވެ. ބަދަލުދޭ ކޮމެޓީގައި އިސްކޮށް މިހާރުގެ އިކޮނޮމިކް މިނިސްޓަރ އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލް އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހިމެނިވަޑައިގެންނެވި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިޔައްތު ކޮމެޓީން ވެސް މިމައްސަލަ ދިރާސާކޮށް ރިޕޯޓެއް އެކުލަވާލަން ޖެހުނީ ވެސް މައްސަލައިގައި ބުއްދި ގަބޫލު ނުކުރެވޭ ގިނަ ގުނަ ކަންތައްތަކެއް އެކުލެވިގެންވާތީ ކަމަށް ވެދާނެ އެވެ. ދެންމެ އަށް ކޮޕީ ލިބިފައިވާ މާލިއްޔަތު ކޮމެޓީގެ ރިޕޯޓުން ފާހަގަ ވެފައިވާ ގޮތުގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ބަދަލުދޭ ކޮމެޓީގެ އިސްކޮށް ތިއްބެވި ފައްޔާޒާއި އަލީ ވަހީދު ވެސް މަސައްކަތްކޮށްފައި ވަނީ ކުރީގެ މިނިސްޓަރ މުއިއްޒުގެ ބޮލުގައި މި ބޮޑު ޖަރީމާގެ ފުރިހަމަ އިލްޒާމް އަޅުވައި ދެމިގަތުމަށެވެ. އެހެންނަމަވެސް ސުވާލަކީ ސިންގަޕޫރު އާބިޓްރޭޝަނުން ދިވެހި ދައުލަތަށް ކުޅިފަސް ލިބިފައިވާ މައްސަލައެއް ނޫމަޑީގެ މެޖޯރިޓީ ހިއްސާދާރު ކުރިސްތަފާގެ އަމިއްލަ ގައުމު ’ސްވިޒްލޭންޑް‘ ދަ ހޭންގް ގެ އާބިޓްރޭޝަން ކޯޓަށް ބަދަލުކޮށް މައްސަލަ އޮޅާލީ ކީއްވެ ބާއެވެ؟

ނޫމަޑި އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް ވާއިރު، އަދި ރާއްޖޭގައި އެކުންފުނީގެ އެތައް ވިޔަފާރިއެއް ހިންގަމުންދާއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އެކުންފުނީގެ އެކައުންޓަކަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި ކަޅު ފައިސާ ދޮންނަ ކަމަށް މަސްހޫރު ގައުމެއް ކަމުގައިވާ ލެކްޓެންސުޓައިން ގެ އެކައުންޓަކަށް އެ ބިޔަ އަދަދުގެ ފައިސާ ދިވެހި ސަރުކާރުގެ މަސްހޫލުވެރިން ޖަމާ ކުރީ ކީއްވެ ބާ އެވެ!

ނޫމަޑި ކުންފުނީގެ 30 ޕަސެންޓް ހިއްސާދާރު ޓައިލޭންޑްގެ އަނޮންގެ ބަޔާނާއި އޭނާގެ އެއްވެސް ވާހަކައަކަށް ދިވެހި ސަރުކާރުންނާއި ހާއްސަކޮށް ބަދަލުދޭ ކޮމެޓީން ވިސްނާނުލީ ކީއްވެ ބާ އެވެ؟ ނޫމަޑީގެ އެއް ހިއްސާދާރު އަނޮން 2018 ވަނަ ސިންގަޕޫރުގައި ކުރިއަށް ދިޔަ އާބިޓްރޭޝަން ސަރީއަތުގައި ވެސް އޭނާ ވަނީ މިމައްސަލަ އަކީ ދިވެހި ސަރުކާރާއި އެއްކޮޅަށް ބަޔާން ދީން ނޫމަޑިއަށް ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭ ކަމަށް ބުނެފަ އެވެ. އަދި ދަ ހޭނގްގައި ވެސް އަނޮން ވަނީ މިވާހަކަ ތަކުރާރުކޮށްފަ އެވެ. އޭނާ ވަނީ މިއީ ރޭވިގެން ދިވެހި ދައުލަތް ލޫޓުވާލުން ކަމަށް ވެސް ސިފަކޮށް، އޭނާ އެއްވެސް ބަދަލެއް ބޭނުން ނުވާ ކަމަށާއި ބަދަލު ދޭން ވެސް ނުޖެހޭ ކަމަށް ބުނެފަ އެވެ.

ނޫމަޑީގެ މެޖޯރިޓީ ހިއްސާދާރު ސްވީޒްލޭންޑްގެ ކުރިސްތަފާ އާއި ބަދަލުދިން ކޮމެޓީގައި ހިމެނި ވަޑައިގެންނެވި ބޭފުޅުންނާއި ހާއްސަ ސިއްރު މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭ އިރު، މުގުލުގައި ހުރީ އިކޮނޮމިކް މިނިސްޓަރ އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެމްޕީއާރުސީ ނިވާފަތްގަނޑަކަށް ހަދައި، ގެއްލުމުގެ ބަދަލުގެ ނަމުގައި އެތައް މިލިޔަން ރުފިޔާ ދެނެހުރިބަޔާއި އެކު މިސަރުކާރުން ބަހާލާފަ އެވެ.

ނޫމަޑީގެ ބަދަލުގެ މައްސަލައިގައި އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ’ދެނެހުރިބައި‘ މި ސަރުކާރުގެ މަސްހޫލް ވެރިން ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިމައްސަލައިގެ އިތުރު ހަބަރުތަކާއި ތަފްސީލީ ރިޕޯޓެއް ކިޔުންތެރިންނަށް ގެނެސް ދިނުމަށް ދެންމެ ޓީމުން މިދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!