ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ކުޅުދުއްފުށީގައި ހަދަން ނިންމައިފި
ދެންމެ | 12 އޮކްޓޯބަރ 2022

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ހދ. ކުޅުދުއްފުށީގައި ހަނދާނީ ބިނާއެއް ހަދަން ނިންމައިފިއެވެ.

ޝަހީދު ހުސައިން އާދަމްގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށީ ސިޓީގެ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން، ފަރުމާ ކުރާ ބިނާ ހުންނާނީ އެ ސިޓީގެ އާންމު ސަރަހައްދެއްގައެވެ.

އެ ބިނާ ހަދާފައި ހުންނަން ވާނީ ބާޒާރުން ފަސޭހައިން ލިބޭ އަދި ދިގު މުއްދަތަކަށް ދެމި ހުންނާނެ ފަދަ އެއްޗަކުން ކަމަށް އެ އިއުލާނުގައިވެއެވެ.

ހަމައެއާއެކު އެ ބިނާއަކީ ހުސައިން އާދަމްގެ މަތިވެރި ޖިހާދު ރަމްޒުކޮށްދޭ ފަދަ ބިނާއަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބިނާ ފަރުމާކޮށްފައި ހުންނަން ވާނީ ބަލާލަން ރީތި އަދި އިސްލާމް ދީނަށާއި އާންމު މިންގަނޑުތަކަށް ފެތޭ ގޮތަކަށް ކަމަށް އެ އިއުލާނުގައިވެއެވެ.

އެ ކައުންސިލަށް ހުށަހަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުންޏެވެ. އެގޮތުން އެ ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5،000 ރުފިޔާ ދޭން ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

އެ ފަރުމާތައް ކައުންސިލަށް ހުށަހެޅޭނީ މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00އާ ހަމައަށެވެ.

ގުޅުންހުރި ލިޔުންތައް