އަމިއްލަ ޒިންމާ އެހެން މީހަކަށް ބަރޯސާ ކުރުމާއި ލަގްޒަރީ ދިރިއުޅުމަށް އަނެކުން ފެލާލުން.
ދެންމެ | 14 އޮކްޓޯބަރ 2022

މިއީ އެކުވެރިއަކު ދިރިއުޅެންޖެހުނު ގޮތެކެވެ. އޭނާ ދިރިއުޅެމުން ދިޔައީ ފިރިމީހާގެ އާއިލާއާއެކު އެއް ގެއެއްގައެވެ. އެއާއިލާގައި އުފަންދުވަސް ފާހަގަކުރުމަކީ ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އާއިލާގައި ކުދިބޮޑު އެންމެން ހިމެނޭގޮތަށް 30 ވަރަކަށް މީހުން އުޅެއެވެ. ފިރިމީހާއަކީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ މީހެކެވެ. ފައިސާ ބައެއްފަހަރު ރަނގަޅަށް ލިބުނަސް ނުލިބޭ ފަހަރު އާދެއެވެ.

ނުލިބޭ މަހެއް ނަމަ އެކުވެރިއާއަށް ލިބޭ މަދު އާމްދަނީއިން ރުފިޔާ ހޯދައިގެން ވިއަސް ފިރިމީހާ ބޭނުންވަނީ އެހެން އެންމެންނެކޭ އެއްގޮތަށް ކޮންމެ މީހެއްގެ އުފަންދުވަހު ހަދިޔާއެއް ދޭށެވެ. މިއީ އެކުވެރިއާ ހިތްހަމަޖެހުނު ކަމަކަށް ނުވިއެވެ. އެންމެފަހުން ފާޅުގައި އެކަމަށް ދެކޮޅުހަދަން ފެށިއެވެ. އެހާހިސާބުން އެކުވެރިއާ މި ބަދަލުވީ އާއިލާ ތެރޭގައި މައްސަލަ ޖައްސާ މީހަކަށެވެ. އެހެން މީހުންގެ އުފާތަކަށް ހުރަސް އަޅާ މީހެއްގެ ގޮތުގަ ލޭބަލްވީއެވެ.

އެކަމަކު އެގޮތަށް ލޭބަލްކުރި މީހުންނަށް ނުވިސްނުނީ އޭނާ ހަދިޔާ ދޭން ދެކޮޅު އެހަދަނީ އެވަރަށް ނުލިބޭތީކަމެވެ. އަދި އެންމެންނަކީ އެއްވަރަކަށް އާމްދަނީ ލިބޭނެ ބައެއް ނޫނެވެ. ކޮންމެ މީހަކު އަހަރަކު 30 ފަހަރު ހަދިޔާ ދޭން ޖެހުމަކީ އެވަރަށް އާމްދަނީ ނުލިބޭނަމަ ކުރަން ވަރަށް ބޮޑު ކަމެކެވެ.

ބައެއް މީހުންނަށް ފެންނަން އޮންނަނީ ދޭ ހަދިޔާއެވެ. އަޅާލުމާއި ލޯބި އާއިލާގެ މެންބަރުންނަށް ދިނަސް އެއީ އެހާ ބަލައިގަންނަ ކަމަކަށް ބައެއްފަހަރު ނުވެއެވެ. ބައެއް ބެލެނިވެރިންވެސް ބުނާއަޑު އިވެއެވެ. ތިމަންނަގެ މިވަނި ދަރިއަކު އެވެނި ދަރިއަކު ހާދަ ރަނގަޅެވެ. ކޮންމެ ޢީދަކާ ދިމާކޮށް އާ ހެދުން ހޯދައިދެއެވެ. އަބަދުވެސް ހުންނަނީ އެއްޗެހި ދޭހިތުންނެވެ. މިފަދަ އަޑުތައް ރަނގަޅު އާމްދަނީ ނުލިބޭ މީހާއަށް އަޑުއިވުމުން ކުރާނެ އަސަރު ނުވިސްނެއެވެ.

ބައެއް ފަހަރު އޮފީސްތަކުގައި އެކުގައި މަސައްކަތް ކުރަން އުޅޭ މީހުންގެ އުފަން ދުވަސް ފާހަގަކުރެއެވެ. މިގޮތަށް ފާހަގަކުރާއިރުވެސް ތިބެނީ ހަދިޔާ ގެންދާ މީހުންނާއި ނުގެންދާ މީހުންނެވެ. ބައެއް މީހުންނަކީ ލިބޭ އާމްދަނީ އިން ރަނގަޅަށް ދެކޮޅު ނުޖެހޭ މީހުންނެވެ. އަމިއްލަ ދަރިންގެ އުފަންދުވަހު ހަދިޔާ ނުދެވިގެން އުޅޭ މީހަކަށް އެހެން މީހަކަށް ދެވޭނީ ކޮން ހަދިޔާއެއް ހެއްޔެވެ!

މީހުންނާމެދު ނުބައި ނިޔަތަކުން ވިސްނުމުގެ ކުރިން އެފަދަ މީހުން އުޅޭ ހާލު އެއްފަހަރު ނަމަވެސް ވިސްނާލާށެވެ. ކިތަންމެ ދޭން ބޭނުންވިއަސް ނުލިބޭ އެއްޗެއް ނުދެވޭނެއެވެ. ހަދިޔާ ނުދެވެނީ އެވަރަށް ނުލިބޭތީއެވެ. ލިބުނު ދުވަހަކުން ދެވިދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!