ދުބާއީގައި އުދުހޭ ކާރު ބޭނުން ކުރަން ފަށައިފި
ދެންމެ | 16 އޮކްޓޯބަރ 2022

ޗައިނާގެ އިލެކްޓްރޯނިކް ވެހިކަލް އުފައްދާ ކުންފުނި އެކްސްޕެންގް އިންކް (9868.އެޗްކޭ) އިން އުފެއްދި ”އުދުހޭ ކާރެއް“ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ފުރަތަމަ ފަހަރަށް އާންމު ދަތުރެއް ކޮށްފިއެވެ. އެއްފަހަރު ޗާޖުކޮށްލުމުން 90 މިނެޓް އުދުހެވޭ މިކާރަކީ ތެޔޮއަޅާ އެއްޗެއްނޫނެވެ. އެހެން ކަމުން މީ ތިމާވެއްޓާ ރައްޓެހި ޒީރޯ އެމިސަން ކާރެކެވެ.

ޗައިނާގެ މި ކުންފުނިން ބައިނަލްއަގްވާމީ ބާޒާރުތަކަށް އިލެކްޓްރިކް މަތިންދާބޯޓު ނެރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އުދުހޭ ކާރު އެކްސް2 އަކީ ދެ ގޮނޑީގެ ޖާގަ ލިބޭ އިލެކްޓްރިކް ވަރޓިކަލް ޓޭކް އޮފް އެންޑް ލޭންޑިން (އީވީޓީއޯއެލް) މަތިންދާބޯޓެއް ކަމަށް އެ ކުންފުނީން ބުނެއެވެ.

ދުބާއީގައި ވަނީ 90 މިނެޓުގެ ޓެސްޓް ފްލައިޓަކެއް ބާއްވާފައެވެ. އުދުހޭ ކާރު އުފައްދާ ކުންފުނިން ސިފަކޮށްފައި ވަނީ އަންނަ ޖީލުގެ އުދުހޭ ކާރުތަކަށް މި އުފެއްދުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. މި ކާރު އިތުރަށް ތަރައްގީ ކުރެވިގެން ދާނެ ކަމަށްވެސް މި ކާރު އުފެއްދި ކުންފުނިން ވަނީ ބުނެފައެވެ.

”އަޅުގަނޑުމެން މިދަނީ ބައިނަލްއަގްވާމީ ބާޒާރަށް މި ފަދަ އުދުހޭ ކާރުތައް ނެރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން“ އެކްސްޕެންގް އެރޯހްޓްގެ ޖެނެރަލް މެނޭޖަރު މިންގުއާން ކިއު ވިދާޅުވި އެވެ.

ފުރަތަމަ މަންޒިލަކަށް ދުބާއީ ސިޓީ ހޮވީ ދުބާއީއަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނަ ޒަމާނީ ސިޓީއަކަށް ވާތީ ކަމަށްވެސް ކިއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!