ޤަތަރުގެ ޝާހީ އާއިލާއަށް ރާއްޖެއިން ރަށެއް ދޭން ނިންމާފައިވާކަމަށް ބުނާވާހަކަތައް ދޮގުކޮށްފި
ދެންމެ | 17 އޮކްޓޯބަރ 2022

ޤަތަރުގެ ޝާހީ އާއިލާއަށް ރިސޯޓެއް ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ރަށެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާފައިވާކަމަށް ބުނާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން މިއަދު ވަނީ ޤަތަރުގެ ޝާހީ އާއިލާއިން ޗުއްޓި ހޭދަކޮށްލަން ރިސޯޓެއްގެ ގޮތުގައި ބޭނުންކުރުމަށް ރާއްޖެއިން ރަށެއް ދޭން ނިންމާފައިވާކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

އެގޮތުން ޤަތަރުގެ ޝާހީ އާއިލާއަށް ދޭން ނިންމާފައި ވަނީ ޅ. އަތޮޅު ދިއްފުށިމައިދޫކަމަށްވެސް އެ ހަބަރުގައި ބުނެފައިވެއެވެ.

ނަމަވެސް ސަރުކާރުން ވަނީ ޤަތަރުގެ ޝާހީ އާއިލާއަށް ރަށެއް ދޭން ނިންމާފައިވާކަމަށް ބުނާ ހަބަރުތައް ދޮގުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ގަތަރުގެ ޝާހީ އާއިލާއަށް ރާއްޖެއިން ރަށެއް ދޭން ނިންމާފައިވާކަމަށް ބުނެ މީޑިއާއެއްގައި ލިޔެފައިމިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ޚަބަރެއްކަމަށެވެ.

ގަތަރުގެ ޝާހީ އާއިލާއަށް ދޭން ނިންމިކަމަށް ބުނާ ރަށަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ނޫމަޑި ކުންފުންޏަށް ދިނުމަށްފަހު، ރައީސް ޔާމިންގެ ވެރިކަމުގައި ސަރުކާރުން ފަހުން އަތުލާފައިވާ ރަށެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޤަތަރާއި އެއްކޮށް އޮތް ގުޅުން ރާއްޖެއިން ކަނޑާލިނަމަވެސް ރައީސް ސާލިހު ވަނީ އެ ގައުމާއެކު އަލުން ގުޅުން ގާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!