ހިޔާ ފްލެޓްގެ ރައްޔިތުންގެ ސަކުވާއަށް ނިމުމެއް ގެންނާނަން: ރައީސް
ދެންމެ | 16 ޖޫން 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލާ އެ ފަރާތްތަކުގެ ޝަކުވާތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖޭ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ހިދުމަތް އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ވަރަށް ގިނަ ހިދުމަތްތައް ފޯރުކޮށްދޭން ޖެހިފައި ހުރިކަމަށެވެ. އެގޮތުން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތައް ހޯދުމަށް އުފުލަންޖެހިފައިވާ ބުރަ ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ރައްޔިތުން ހުށައަޅަމުން އަންނަ ޝަކުވާތަކުގެ ތެރޭގައި ފްލެޓްތަކުގެ ކުލި ބޮޑުވުމާއި އެހެނިހެން ކަންކަމުގެ ޝަކުވާތައް ހިމެނޭކަމަށެވެ. އަދި އެ ޝަކުވާތައް ރައީސް އޮފީހަށް ލިބެމުން ދާކަމަށާއި، ރައްޔިތުން ހުށައަޅާ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަމަށާއި މިހާރުން މިހާރަށް ހައްލު ގެނެވެން ހުރި ކަންތަކަށް ހައްލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ޝަކުވާތައް ބެލުމަށް ނާއިބުރައީސް އިންނަވާ ދުވަހުން ދުވަހަށް ބަލާ ހައްލު ހޯދުމަށް އަޅުގަނޑާ މަޝްވަރާ ކުރައްވާ. ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން“ ރައީސް ޞާލިހް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައިވަނީ، ރާއްޖެ ޓްރާންސްޕޯޓު ލިންކްގެ ތެރޭގައި ހިމެނިގެން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެނައި 16 ބަސް ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!