ޓެކްސް ބޮޑު ކުރާތީ ޓޫރިސްޓް ބުކިންތައް ކެންސަލް، އިންޑަސްޓްރީ ބޯ ގޮވާ، އިގްތިސާދު ހަނާ ވަނީ.
ދެންމެ | 20 އޮކްޓޯބަރ 2022

ރާއްޖޭގައި މިހާރު ނަގަމުންދާ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމައި މަޖިލީހަށް ބިލެއް ހުށަހަޅައިފައި ވަނިކޮށް ރިސޯޓްތަކުގެ ޓޫރިސްޓް ބުކިންތައް ކެންސަލް ކޮށް، ޓޫރިސްޓް އަރައިވަލް ފޯކާސްޓް ވެއްޓި ޓޫރިޒަމް އިންޑަސްޓަރީ ނޭވާ ހޮޅިއަށް އެޅި ބޯ ގޮވާފަ އެވެ.

ޔޫރަޕްގައި ހަގުރާމައިގެ މަސްރަހް ގޯސްވެފައިވާއިރު، ޔޫރަޕްގެ އިގްތިސާދު ހީނަވެ، ޔޫރަޕްގެ ފަތުރުވެރިން ވެސް ވަނީ ރާއްޖެ ދޫކޮށް، އަގު ހެޔޮ މަންޒިލްތަކަށް މިސްރާބް ޖަހާފައި ކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ ޓުއަރ އޮޕަރޭޓަރުން ބުނެ އެވެ.

މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކްސް ބިލް ފާސްކުރުމަށް ސަރުކާރު މައި ޕާޓީ އެމްޑީޕީއިން ތިރީލައިން ވިޕް އަޅާފައިވާއިރު، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގެންދަނީ ޓެކްސް ބޮޑު ކުރަން ވޯޓް ނުދޭނެ ކަމަށް ފާޅުގައި ބުނަމުންނެވެ.

މުދަލާއި ހިދުމަތުގެ އަގާއި އިންފްލޭޝަން އިންތިހާއަށް މިހާރު ވެސް އުފުލިފައިވާއިރު، ސަރުކާރުން ހުށަހަޅާފައި ވަނީ މިހާރު ނަގަމުންދާ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ބުނެ މީޑިޔާގައި ހަބަރު ފަތުރާފައި ވީނަމަވެސް އިދިކޮޅު ފަރާތްތަކާއި މަޖިލީސް މެމްބަރުން ބުނަމުންދަނީ ސަރުކާރުގެ ހަރަދު ކުޑަ ކޮށްފައި ނުވާ ކަމަށެވެ.

އިގްތިސާދީ މާހިރުން ލަފާ ކުރާ ގޮތުގައި ގައުމުގެ އިގްތިސާދު ފުޑުފުޑުވެފައިވާއިރު، ޓެކްސް ބޮޑުކޮށްފިނަމަ މުދަލުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން ދިރިއުޅުމުގެ ހާލަތު ގޯސްވެގެންދާނެ އެވެ.

ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ދައުލަތުގެ މާލީ ވަޒީރުގެ ގޮތުގައި ހުނެވީ ތަޖްރީބާ މަދު ކުޑަކުޑަ ކިރުބޯ ތުއްތު އަމީރެވެ. އަދި އިގްތިސާދީ ވަޒީރުގެ ގޮތުގައި ހުންނެވީ ބަގުރޫޓް ވިޔަފާރިވެރި ފައްޔާޒު އިސްމާލެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!