މެމްބަރުން ފުލުހަށް ހާޒިރު ކުރާ ނަމަ އެންގުމަށް ނަޝީދު އެދިވަޑައިގެންފި
ދެންމެ | 26 ޖޫން 2022

ބަރަހަނާ ވީޑިއޯތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަންގަން އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެމަނިކުފާނުގެ ނަމުގައި އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައެވެ.

އެގޮތުން ސިޓީގައި ބުނެފައިވަނީ ”އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ތިޔަ ހިދުމަތަށް {ފުލުހުންގެ އިދާރާއަށް} ހާޒިރު ކުރައްވާނަމަ، މަޖިލީހުގެ ރައީސް ރައީސަށް އެކަން އަންގަވައިދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ“ ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ސިޓީ ހިއްސާ ކުރަމުން ރައީސް ނަޝީދު ވިދާޅުވީ، މެމްބަރުންގެ ޒާތީ ކަންކަމުގައި މެމްބަރުން ހަވަރަށް ދޭކަށް ތައްޔާރެއް ނޫން ކަމަށާއި އެކަމުގައި މެމްބަރުންނާއި އެކީ ވީހާލެއްގައި ވާނެ ކަމަށެވެ.

ރައީސްގެ އެ މެސެޖަށް ރެޕްލައި ކުރައްވަމުން މަޖިލީހުގެ ނައިފަރު ދާއިރާގެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ހިތާމައަކީ ”ވީހާލެއްގައި ވާނަން“ އޮތީ ބައެއް ފަހަރު ބައެއް ޒާތީ ކަންކަމުގައި ބައެއް މީހުންނާއި ދޭތެރޭގައި ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ފުލުހުންނަށް މި ސިޓީ ފޮނުވާފައިވާއިރު، ބައެއް މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ބަރަހަނާ ވީޑިއޯތައް ލީކުވެފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!