ރައީސް ސޯލިހަށް ވުރެ ގިނައިން އެސްޕީޖީން ސެކިއުޓީ ދޭން ޖެހުނީ ފަޒުނާ އަށް.
ދެންމެ | 22 އޮކްޓޯބަރ 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވުރެ ގިނައިން އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ހަފުލާތަކަށް ޕްރެޒިޑެންޝަލް ގާޑްސް (ޕީޖީ) އިން ސެކިއުރިޓީ ފޯރުކޮށްދީފައިވާކަން ހާމަވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ އަހަރު ރައީސް ސޯލިހާއި އެ މަނިކުފާނުގެ އާއިލާގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި 543 ހަފުލާއެއްގެ ސެކިއުރިޓީ ޕީޖީން ބަލަހައްޓާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ރައީސް ސޯލިހާއި އާއިލާގެ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރެއްވި 13 ދަތުރުފުޅަކާއި އަތޮޅުތެރެއަށް ކުރެއްވި 12 ދަތުރުފުޅެއްގެ ސެކިއުރިޓީ އެވެ.

އަދި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންނެވި 210 ހަފުލާއަކަށް ސެކިއުރިޓީ ފޯރުކޮށްދިން އިރު, އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި 308 ހަފުލާއަކަށް ސެކިއުރިޓީ ފޯރުކޮށްދިނެވެ. އެއީ ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި ހަފުލާތަކަށްވުރެ 98 ހަފުލާގެ އިތުރުވުމެކެވެ.

ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އިން މިދިޔަ އަހަރު އިއްޒަތްތެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓާފައިވާ ގޮތުގެ ތަފުސީލުވެސް އަހަރީ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި އާއިލާގެ މެމްބަރުން ރާއްޖެތެރެއަށް ކުރެއްވި 7 ދަތުރަކާއި ރާއްޖެއިން ބޭރަށް ކުރެއްވި ދެ ދަތުރެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވެ އެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ކުރެއްވި ދެ ދަތުރުފުޅަކާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކުރެއްވި ފަސް ދަތުރުފުޅަކަށް ސެކިއުރިޓީ ފޯރުކޮށްދީފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން, މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކުރެއްވި ފަސް ދަތުރުފުޅެއްގެ ސެކިއުރިޓީ އެސްޕީޖީން ބަލަހައްޓާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް