މިއީ ރައްޔިތުން އަތުން ނަނގާ ޓެކްސް ބޮޑު ކުރަން ރަގަޅު ވަގުތެއް ނޫން: މަޓީ
ދެންމެ | 26 އޮކްޓޯބަރ 2022

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ޓެކްސް ބޮޑުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިހާރު ކުރިއަށް ދަނީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ. ވޭތުވެ ދެ ދުވަހު އެ ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އެގޮތުން ކޮމިޓީން ފާސްނުކޮށް ކަމާބެހޭ އެއްވެސް ފަރާތެއް ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައި ވަނިކޮށް، މަޖިލިސް ރައީސް ވަނީ ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، އެ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ. އެގޮތުން މިއަދުގެ ބައްދަލުވުމަށް އެ ފަރާތްތައް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 9:40 ގައި ކޮމިޓީއަށް ހާޒިރުކުރައްވާނެ ކަމަށާއި ގެސްޓްހައުސް އެސޯސިއޭޝަނުންވެސް ކޮމިޓީއަށް ހާޒިރުވާނެ ކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމާ ގުޅޭގޮތުން މާޓީގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި މިއީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

ސަބަބެއް ކަމަށް އެ ސިޓީގައި މަޓީން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރުވެސް އަންނަމުންދާ އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް އެ ސިނާއަތުން މަސައްކަތް ކުރަމުން ދިއުމެވެ. އަދި މަޓީގެ އެދުމަކީ ޓެކުހަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒުކުރުމަށް އެންމެ މަދުވެެގެން 12 މަސް ދުވަސް ދިނުމަށް ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް