ޖީއެސްޓީއަށް 20 ރުފިޔާދޭން ބޮޑުވެގެން ރައްޔިތުންނޫޅޭ: ރޮޒައިނާ
ދެންމެ | 27 އޮކްޓޯބަރ 2022

ލަގްޒަރީ އައިޓަމްތަކުން ނަގާ ޖީއެސްޓީއަށް 20 ރުފިޔާ ދޭން ބޮޑުވެގެން ރައްޔިތުން ނޫޅޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައްޔިތުން ކޮފީތައްޓަކަށް ވެސް 20 ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރާ ކަމަށެވެ. އެހެންކަމުން ހަމައެކަނި ލަގްޒަރީ އައިޓަމްތަކުން ނަގާ ޖީއެސްޓީއަށް 20 ރުފިޔާ ދޭން ބޮޑުވެގެން ރައްޔިތުން ނޫޅޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ އިސްލާހާއި ގުޅިގެން ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށެވެ. ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ހެވާ ލާބަޔަށް ނިންމި ނިންމުމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

”ތަކުރާރުކޮށް މިތަނުގައި (މަޖިލީހުގައި) ނެގެޓިވް ކެމްޕޭން ކުރައްވައިގެން މިތާގައި މިއުޅެނީ ބަޔަކު ފެލާލައިގެން ކަަމަށް ހަދައިގެން މިލާރިތައް މީ ކަޅު ދަބަހަށް އަޅަައިގެން ޖޫހަށް ހަދައިގެން ގެއަށް ގެންދާ އެއްޗަކަށް ހަދަން އުޅުނީމަ، އެގޮތަށް ވާހަކަ ދެއްކީމަ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށްވެސް އޮޅޭނެހެން، އެހެނެއް ނޫން މިކަން މި ހިނގަނީ.“ އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރަައީސާ ކަމުގެ މަގާމުގައި ހުންނެވި ރޮޒައިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި އެއީ ގައުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. ރިޔާސީ އިންތިޚާބު ނިމުމުން ވެސް ސަރުކާރަށް ޓެކްސް ބޮޑުކުރެވިދާނެ ކަަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ކޮށްފިނަމަ ގަައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ހިނގައިދާނެތީ މިއަދު ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

”މިގައުމު ސްރީލަންކާއަށް ވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު ތަކުރާރުކޮށް އެބަ ވިދާޅުވޭ އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެއޭ އެ މެނޭޖްކުރެވޭނީ އެމަނިކުފާނު މެނޭޖްކުރަން ރާވާފައި އޮތް ޕްލޭނާއި އެއްގޮތަށް އަޅުގަނޑުމެން އެެއްކޮށް މަސައްކަތްކޮށްގެން. އެ އެއްބާރުލުން ދިނީމަ އަޅުގަނޑުމެންނަށް ގެއްލުންތަކެއް ނޫން މިވަނީ،“ ރޮޒައިނާ ވިދާޅުވިއެވެެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!