“މެޖިސްޓްރޭޓް ލުވައްޔު މަގާމުން ވަކިކޮށްފައި ވަނީ މެމްބަރު ޔައުގޫބު ފަހަރި އުރަމަތީގައި 2005 ވަނަ އަހަރު ހިފި ކަމަށް ބުނެ“
ދެންމެ | 16 ނޮވެމްބަރ 2022

ގއ. ދާންދޫގެ އިސް މެޖިސްޓްރޭޓު ކަމުގައި ހުންނެވި ލުއައްޔު އިބްރާހިމް މަގާމުން ދުރުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ)ން ދެ ވަނަ ފަހަރަށް މައްސަލަ ބަލާފައިވަނީ މެމްބަރު ޔައުގޫބުގެ ސިޔާސީ ނުފޫޒަކުން ކަމަށް އޭނާ ވިދާޅު ވެއްޖެ އެވެ.

މީގެ 17 އަހަރު ކުރިން 2005 ވަނަ އަހަރު ހިނގިކަމަށް ބުނާ ޖިންސީ ގޯނާގެ ތުހުމަތު ތަކާއެކު ލުއައްޔު ފަނޑިޔާރުކަމުން އިސްތިއުފާ ދިނުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާ އާ ދެކޮޅަށް ދާދި ފަހުން ޖޭއެސްސީން ނިންމި މައްސަލަ ނިންމާފައިވަނީ މީގެ ކުރިން ޖަސްޓިސް މިނިސްޓްރީން ވެސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އެ މައްސަލަ ނިންމާފައި އޮއްވާ އަލުން އެ މައްސަލަ ބަލައިގެން ކަމަށެވެ.

މި މައްސަލައަކީ 2005 ވަނަ އަހަރު ލުއައްޔު އެ ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ވާ މައްސަލަ ދެ ވަނަ ފަހަރަށް ނިންމިއިރު ވެސް ކުރިން ހުރި ހެކިތައް ފިޔަވައި އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ލުއައްޔު ބުނެފައި ވަނީ މިމައްސަލަ ޖައްސާފައި ވަނީ 2005 ވަނަ އަހަރު ފައިސާއަށް ހިޔާނާތްތެރިވެގެން ކަނޑާލި މެމްބަރު ޔައުގޫބުގެ ބޭބެގެ އަންހެނުން ސުއޫދާ އުމަރާއި ޔައުގޫބުގެ ބޭބެ ކަމަށެވެ.

ލުއައްޔު ބުނެފައިވަނީ އެ މައްސަލަ އަލުން ޖައްސާފައިވާއިރު އެ މައްސަލައިގައި ހެކިބަސް ދީ ހަދާފައިވަނީ އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ އާ ގާތް ތިމާގެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑާއި ޒާތީގޮތުން މަސްލަހަތު ފުށުއަރާ ބައެއް މީހުންގެ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް މައްސަލަނިންމާފައިވާކަން އެނގޭ،“ ޖޭއެސްސީއަށް ލުއައްޔު ފޮނުވި ސިޓީއެއްގައި ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ޖޭއެސްސީން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި، ރަސްމީ ގަޑި އާއި ނުރަސްމީ ގަޑީގައި ވިޔަފާރިގެ ހަރަކާތްތަކުގައި ލުއައްޔު އަމިއްލަ ގޮތުން ހަރަކާތްތެރިވާކަމަށް ބުނާ ބުނުން ވެސް އެނާ ވަނީ ދޮގު ކުރައްވާފަ އެވެ.

”އެކޮމިޝަނުން އަޅުގަނޑާ ހިއްސާކޮށްފައިވާ ތަހުގީގީ ރިކޯޑްގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން، މިތުހުމަތާއި ގުޅިގެން، އެ ކޮމިޝަނަށް ބަޔާން ދީފައިވާ ފަރާތްތަކުން މިފަދައިން އަޅުގަނޑު އަމަލުކުރަމުން އައިސްފައިވާކަމަށް ހެކިބަސްދީފައިނުވާކަން އެނގޭ،“ ލުއައްޔުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ލުއައްޔު އާ ދެކޮޅަށް ހުށަހަޅާފައިވާ 22 މައްސަލައިގެ ތެރެއިން ދެ މައްސަލަ ސާބިތުވެފައިވާކަމަށް ބުނި ނަމަވެސް، އެނާއަށް ދިން ރިޕޯޓުގައި އޭނާ އާ ދެކޮޅަށް 13 މައްސަލައެއް ސާބިތުވެފައިވާކަމަށް ބުނެފައިވާކަމަށް ވެސް އޭނާ ބުނެ އެވެ.

ލުއައްޔު އިސްތިއުފާ ދީފައިވަނީ އޭނާ ވަކިކުރަން ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް