ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ނަސީދު ތާރީހީ އެތައް ހެކިތަކެއް ދައްކައިފި
ދެންމެ | 29 އޮކްޓޯބަރ 2022

ރާއްޖޭގެ ދެކުނުން މޮރިޝަސްއާއި ވީ ދިމާލަށް އޮންނަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމުގެ ތާރީހީ ހެކިތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކުރައްވައިފި އެވެ.

”ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް“ މިނަމުގައި ރައީސް ނަޝީދު މިއަދު ވަނީ ލިޔުމެއް އާންމު ކުރައްވައިފަ އެވެ. އެލިޔުމުގައި ވިދާޅުވީ ތާރީހީ އެކިއެކި ލިޔުންތަކުން ފެންނަ ގޮތުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެއްކަމަށެވެ.

1700 ގެ އަހަރުތަކުގައި އެއް އާއިލާއެއްގެ އަޅުން ރާއްޖެއަށާއި ފޯޅަވައްސަށް ގެންދިޔަކަމުގައި ލިޔެވިފައިވާކަމަށާއި މިއީ ދެތަނުގައި އޮތް ގާތްކަން އެނގިގެންދާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފޯޅަވަހި ކަމަށް ވިދާޅުވެފައިވަނީ ޗާގޯސްގެ އަތޮޅުތަކުގެ ތެރެއިން ހިމެނޭ ޕެރޮސް ބަނޮސް އަތޮޅަށް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލާއިރު އެރަށުގެ ބާރު އެނބުރޭނީ އެރަށުގެ އަހުލުވެރިންނަށްކަމަށް ނަޝީދުގެ ލިޔުމުގައިވެ އެވެ.

ފޯޅަވަހީގައި މީހުން ދިރިނޫޅޭ ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޅުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއްބަޔަކު ތިބީ މޮރިޝަސްގައި ކަމަށާއި އަނެއްބަޔަކު ތިބީ އިނގިރޭސިވިލާތުގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފޯޅަވައްސަކީ ބަޑި ޖަހައިގެން ދިވެހިން މަސްވެރިކަމަށް ބޭނުންކުރި ރަށެއްކަމަށް ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވީ މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށެވެ.

އެހެންކަމުން ފޯއްޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ފުރޮޅުނަސް ފޯއްޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްޤީ ދިވެހިންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ދިވެހި ސަރުކާރުން ތާއީދުކޮށްފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެކަމާއި ދެކޮޅު ހައްދަވަމުންނެވެ. ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ގިނަ ބޭފުޅުންނާއި ސިޔާސީ ގިނަ ބޭފުޅުންވެސް ވަނީ ސަރުކާރުގެ މި ނިންމުމާއި ދެކޮޅު ހައްދަވައިފަ އެވެ. އެހެންނަމަވެސް ސަރުކާރުން ބުނަނީ ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!