އަމުރުގެ މޭސްތިރި ކަމުގައި އެސްޓީއޯއަށް އިންތިހާއަށް ފައިދާ
ދެންމެ | 31 އޮކްޓޯބަރ 2022

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން- އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނި ގޮތުގައި 13 އިންސައްތައިގެ ކުރިއެރުމެއް ލިބުނު މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރެވިފައިވުމެވެ.

2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 255 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި އެކު ހިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވިފައިވުމެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ނިސްބަތުން ކުޑަކުރެވުމާއި އެކު ސާފު ފައިދާ ވަނީ އިތުރުވެފައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނު އިރު، 8 އިންސައްތައިގެ ކުރިއެރުމަކާއިއެކު މިކުއާޓަރގައި ވަނީ 168 މިލިއަން ރުފިޔާ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!