ޕާޓީ ކުރަން ތިއްބާ އަންހެނުން ތަކެއް ހައްޔަރު ކުރީ ޝާހިދު އެޕާޓްމެންޓަކުން ނޫން: މިނިސްޓްރީ
ދެންމެ | 13 ނޮވެމްބަރ 2022
ޕާޓީ ކުރަނިކޮށް މީހުން ހައްޔަރުކުރި ތަނާއި ފޮރިން މިނިސްޓަރ ޝާހިދާއި އެއްވެސް ގުޅުމެއްނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ 12 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 19:39 ގައި ރާއްޖޭގެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ”މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރުކުރީ އަބްދުلله ޝާހިދުގެ ގެއިން“ ކަމަށް ލިޔެފައިވާ ޚަބަރުގައިވާ މަޢުލޫމާތުތަކަކީ ކަނޑައެޅިގެން ޙަޤީގަތާއި ޚިލާފް ދޮގު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

އެޚަބަރަކީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަޤްސަދުގައި އަދި މިނިސްޓަރ ޢަބްދުﷲ ޝާހިދު ބަދުނާމުކޮށް، އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި، ޝާއިޢުކޮށްފައިވާ ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

”ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ސައްޙަ މައުލޫމާތުން އިނގޭ ގޮތުގައި، މިއީ މިނިސްޓަރ ޝާހިދު އާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމާ އަދި އެކަން ހިނގައިފައިވަނީ މިނިސްޓަރ ޝާހިދު އާ އެއްވެސް ވަރަކަށް ގުޅުންހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގުނެވެ.“ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ ފުލުހުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި އެޚަބަރުގައިވާ މަޢުލޫމާތަކީ ހަގީގަތާ ޚިލާފް ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއްކަން އެނޫހުގެ ކިޔުންތެރިންނާއި ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދީ، ކަން ހިނގި ގޮތުގެ އަސްލު ހޯދައި، ހާމަކޮށްދިނުމަށް އެނޫހުގައި އެދިފައި ވާނެކަމަށެވެ. ނަމަވެސް އެނޫހުން އެކަމަށް އިޖާބަ ނުދިނުމުން، ތަކުރާރުކޮށް ފޮރިން މިނިސްޓްރީން ފަހުން ގުޅުމުން ފޯނަށްވެސް ޖަވާބެއްނުދޭ ކަމަށް ބަޔާނުގައިވެއެވެ.

”މިކަމުން ވެސް އެނގި ޔަގީން ވަނީ މި ދޮގު ޚަބަރު ދިޔަރެސް ނޫހުގައި ޝާއިޢުކުރީ، ވަކި ސިޔާސީ މަޤްސަދެއް ޙާޞިލް ކުރުމުގެ ނިޔަތުގައި ކަމެވެ. މިއީ، ދެފުށް ފެންނަ މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ނޫސްވެރިންނަށް ދީފައިވާ މިނިވަންކަމުގެ ނިވަލުގައި ތިބެ، އެމިނިވަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ދިޔަރެސް ނޫހުން ހިންގި ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި މި ކަންކޮށްފައި ވަނީ ޒާތީ ތަޢައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކަން، ހިތާމަޔާއެކު ތަކުރާރުކޮށް ފާހަގަ ކުރަމެވެ.“ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ އެޚަބަރަކީ ދޮގު މަޢުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއްކަމަށާއި އެއީ މިނިސްޓަރ ޝާހިދުގެ އަބުރުފުޅާއި ކަރަމާތް ގެއްލުވާލުމުގެ ނިޔަތުގައި ލިޔެފައިވާ ދޮގު ޚަބަރެއް ކަމަށެވެ. އަދި އެޚަބަރާއި ގުޅިގެން އެމިނިސްޓްރީން މިހާރު ވަނީ މައްސަލަ އިތުރަށް ތަޙްޤީގުކޮށްދެއްވައި އެކަށީގެންވާ ފިޔަވަޅު އަޅައިދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރަސްމީކޮށް ލިޔުމުން އަންގާފައި ކަމަށް ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!