ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ރައީސް ނަސީދާއި އެކު: ބޮޑުތިލަދުންމަތީ ނައިބް ރައީސް
ދެންމެ | 15 ނޮވެމްބަރ 2022

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ވެސް ރިޔާސީ އިންތިޚާބު ކާމިޔަބު ކުރެވޭނީ، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު އާއިއެކު ކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޯމަތިވެފައިވާއިރު ރައީސް ނަޝީދު ވަނީ މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި އެ ޕާޓީގެ ތެރޭގައި ރައީސް ޞާލިޙަށް އިތުރު ދައުރެއް ދޭންޖެހޭ ކަމަށް ބުނާ މެންބަރުންނާއި، އަންނަ ދައުރު ދޭންޖެހޭނީ ރައީސް ނަޝީދަށް ކަމަށް ބުނާ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ބަހުގެ ހަމަލާ ވެސް އަންނަނީ ބަދަލުކުރަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އަރައިރުން ގަދަވެފައިވަނިކޮށް، އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދާއިއެކު ނޫން ގޮތަކަށް އެމްޑީޕީ އަށް ދެންވެސް ވެރިކަން ލިބޭނެ ކަމަކަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

“އެމްޑީޕީގެ ސިޔާސީ މަސައްކަތް ކުރިޔައްގެންދިޔުމުގައި ރައީސް ނަޝީދު ވަރުގެ ލީޑަރެއް ނާދޭ، 2023 އެމްޑީޕީ ކާމިޔާބުކުރެވޭނީ ރައީސް ނަޝީދާއިއެކު“ އަމީން ވިދާޅުވެފައިވެއެވެ.

އަމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ޝައުގުވެރިކަން ނެތްކަމަށް ކުރިން އަޑުފެތުރިފައި ވިޔަސް، މިހާރު އެވިސްނުންފުޅު ބަދަލުވެއްޖެކަމަށް ވެސް މިހާރު ވަނީ އަޑު ފެތުރިފައެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް، ”އާސްކް ސްޕީކާ“ ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ހަރަކާތެއްގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބަށް ނަޝީދު ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!