މުލިޔާގޭ ބަދިގެ މަޖިލީހަށް ހަދައިގެން އުޅުނީ އެމްޑީޕީ ވެރިކަމުގައި ނަސީދު: ރޮޒައިނާ
ދެންމެ | 17 ނޮވެމްބަރ 2022

ވެރިކަމުގައި ހޭދަ ކުރެއްވި ދޮޅު އަހަރުގެ ތެރޭގައި މުލިއާގެ ތެރެއިން ރައްޔިތުންގެ މަޖިލީސް ހިންގެވީ، ރައީސް މުހައްމަދު ނަޝީދުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޝަކުވާތަކާއި އެކު މެމްބަރުން ރައީސާއި ބައްދަލު ކުރުމަށް މުލިއާގެއަށް ދިޔަ މައްސަލައިގައި ރައީސް ނަޝީދު މަލާމާތުގެ ރާގަކަށް ވިދާޅުވީ އެއީ މެންދުރުގެ ވަގުތުކަމަށްވުމާއި އެކު ކެއުމަށްކަމަށް ބެލެވޭ ކަމަށެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މެމްބަރުން މުލިއާގެއަށް އެދުވަހު ވަޑައިގަތީ “ގަރުދިޔައާއި ބަތް” ކެއުމަށެވެ.

ޓެކްސް ބިލަށް ވޯޓަށް އެހުމުގެ ކުރިން، ރިޔާސަތުގެ ހުސް ވަގުތުގައި ރައީސް ނަޝީދު ވިދާޅުވީ ބައެއް ޕާލިމަންޓު މެމްބަރުން މުލިއާގެއަށް ދިޔަކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ އެހެން މެމްބަރުން ވެސް އެކަމަށް ފާޑުވިދާޅުވެ، އެއީ ޑިމޮކްރަސީގެ ހުތުރު މަންޒަރެއްކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޓެކްސް ބިލަށް ވޯޓަށް ނޭހި މައްސަލައިގައި ރިޔާސަތު ކައިރީ އަޑުގަދަކޮށް އިހުތިޖާޖު ކުރުމަށް ފަހު މެމްބަރުން އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހާއި ބައްދަލު ކުރުމަށް މުލިއާގެއަށް ވަޑައިގަތީ އެ ދުވަހުގެ މެންދުރު ވަގުތުގަ އެވެ. ގަވައިދާއި ހިލާފަށް ރިޔާސަތުގައި އަމަލުތައް ބަހައްޓަވައި، ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ސަރުކާރާއި ދެކޮޅަށްކަމަށް ތުހުމަތުކޮށް މެމްބަރުން ހުށަހެޅީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށެވެ.

މެމްބަރުން މުލިއާގެއަށް ދިޔަ މައްސަލައިގައި، ރައީސް ނަޝީދާއި އަރިސް މެމްބަރުން ފާޑުކިޔައި އެއީ އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަނުންކަމަށް ވެސް ސިފަ ކުރި އެވެ. މަޖިލީހަކީ ވަކި މީހެއްގެ ތަނެއް ނޫންކަމަށާއި ރައީސް ނަޝީދު ދައްކަވަނީ ވަރަށް ހަޑިމަންޒަރުތަކެއްކަމަށް ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ. އަދި އޭނާ ރައީސް ނަޝީދާއި ދެކޮޅަށް މީޑިއާތަކާއި ވާހަކަ ވެސް ދެއްކެވި އެވެ.

މަޖިލިސް ހިންގަނީ މުލިއާގެ ބަދިގެންއިން ތޯ ސުވާލުކޮށް ވައްޑޭ އާއްމު ކުރެއްވި ފޮޓޯއިން އެ އިމާރާތުން މެމްބަރުން ނިކުންނަތަން ފެނެ އެވެ. އެހެންވެ ވައްޑެއަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު ވެސް ވެރިކަން ކުރެއްވި މަދު އަހަރެއްގެ ތެރޭގައި ވެސް އެ އަމަލު ހިންގެވި ކަމަށެވެ. އަދި ބައެއް މެމްބަރުންނާއި ސުވާލުކޮށް، މަޖިލީސް ހިންގީ ބަދިގެންތޯ އެއްސެވުމަށް ގޮވާލި އެވެ. ރޮޒެއިނާގެ އެ ޓުވީޓުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހިމެނެ އެވެ.

އެމްޑީޕީގެ އެތެރެ ހޫނުވެ، އެއް މެމްބަރަކު އަނެއް މެމްބަރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒު ކުރަމުންނެވެ. އޭގެ ތެރޭގައި ޒާތީ ގޮތުން ދިމާ ކުރުމާއި، މީގެ ކުރިން އެބޭފުޅުންގެ ތެރޭގައި ހިނގާފައި ހުރި ބައެއް ކަންތައް އަދި ދެކެވިފައި ހުރި ވާހަކަތައް ވެސް އާއްމުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.

މައްސަލަ އެންމެ ބޮޑުވީ، ރައީސް ނަޝީދު މަޖިލީހުގައި މެމަބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާއި ބަހުސްތަކަށް ހުރަސްއަޅުއްވާކަމުގެ ތުހުމަތާއި އެކު އެވެ. ރައީސް ސޯލިހާއި އަރިސް މެމްބަރުން ވަނީ، ރައީސް ނަޝީދު ބޭނުންވަނީ ވެރިކަންކަމަށް ތުހުމަތުކޮށް އެފަދަ ދެވަނަ ފުރުސަތެއް ދެން އެމަނިކުފާނަށް ރައްޔިތުން ނުދޭނެކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެފަ އެވެ. ބައެއް މެމްބަރުން މިހާރު ރައީސް ނަޝީދު ރިޔާސަތުގައި ހުންނަވާ ވަގުތު ވެސް ފާޑުކިއުން އަމާޒު ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!