ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނޭ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޝޯގައި ޕާފޯމްކުރުމަށް ”ސުޕަސްޓާ ސިންގާ 2“ ކާމިޔާބުކުރި އިންޑިއާގެ ކުޅަދާނަ ލަވަ ކިޔުންތެރިޔާ މުހައްމަދު ފާއިޒް ރާއްޖެ އައުމަށް ނިންމައިފިއެވެ.
އުއްޗުގެ އުފަންދުވަހަކީ އަންނަ މަހުގެ 25ވަނަ ދުވަހެވެ. އަދި އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޝޯ އޮންނާނީ އަންނަ މަހުގެ 26ވަނަ ދުވަހުގެ ރޭ އޭނާގެ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.
ފާއިޒް އަކީ ސުޕަސްޓާ ސިންގާ 2ގެ އިތުރުން ސަރެގަމަޕާ ލަވަ ޝޯގައި ވެސް ބައިވެރިފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ފަހުން އޮތް ސުޕަސްޓާ ސިންގާ2 ކާމިޔާބު ކުރީ އުމުރުން 14އަހަރުގައެވެ.
އޭނާ ވަނީ އެ ޝޯއަށް އެރުމަށްފަހު ޖަޖު ހިމޭޝް ރޭޝަމިޔާ އާއެކު މަސައްކަތްކޮށް އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރެކޯޑްވެސް ކޮށްފައެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިމްތިޔާޒް އަލީ ވަނީ އެ ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު ވެސް ފާއިޒަށް ދީފައެވެ.
މީގެ އިތުރުން މަޝްހޫރު އެކްޓަރު/ޕްރޮޑިއުސަރު ސަތީޝް ކޯޝިކް ވެސް ވަނީ އޭނާގެ ފިލްމު ކުންފުނިން ހަދާ ފިލްމަކަށް ލަވަ ކިޔުމުގެ ފުރުސަތު އޭނާ އަށް ދީފައެވެ. އަދި އެ އެއްބަސްވުމުގައި ސޮއިވެސް ކުރުވާފައެވެ.
އުއްޗުގެ ދައުވަތަކަށް ފާއިޒް ރާއްޖެ އަންނައިރު އުއްޗު ފާހަގަކޮށްލެވެނީ އިންޑިއާގެ ތަރިންނާއެކު ގާތްގުޅުންތަކެއް ބާއްވާ މީހެއްގެ ގޮތުގައެވެ.
އެގޮތުން ރާއްޖެއަށް އަންނަ އިންޑިއާގެ ތަރިންނާ ބައްދަލުކުރެއެވެ. އޭގެ ތެރޭގައި ގަލޮޅުދަނޑުގައި ބޭއްވި ޝޯއެއްގައި އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާ ވަނީ ހިންދީ ބަހުން ވާހަަަކަ ވެސް ދައްކައިފައެވެ.
މީގެ އިތުރުން ދާދި ފަހުން ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯގައި ޕާފޯމް ކުރުމަށް ރާއްޖެ އައި ސްރީލަންކާގެ ޔޮހާނީ ދޮލޯކީ ޑި ސިލްވާއާ ވެސް ވަނީ ބައްދަލުކޮށްފައެވެ. ޔޮހާނީ ވެސް މިހާރު މަސައްކަތް ކުރަނީ ބޮލީވުޑްގައެވެ.