ރައީސްގެ މޮޓޯކޭޓް ހުއްޓުވުން: ފާޑުކިޔަނީ ފަތަފޮޅިއެއް އޮންނާތީ: މާރިޔާ
ދެންމެ | 22 މާރޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް މަގުމަތިން ހުއްޓުވި ހާދިސާއާ ގުޅުވައި އޭނާއަށް ފާޑުކިޔުން އަމާޒުކޮށްފައި ވަނީ އަންހެނަކަށްވީތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާއަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މުޒާހަރާ އޮތް ސަރަހައްދުން މޮޓޯކޭޑްގައި ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން ވަނީ ހުރަސްއަޅައިފަ އެވެ. ރައީސްގެ ކާރުކޮޅު ހުއްޓުވައި އެ މަނިކުފާނު އެއްގޮތަކަށް ވެސް ކުރިޔަށް ވަޑައިގަތުމަށް ފުރުސަތެއް ނުދިނެވެ. އެހެންވެ، މޮޓޯކޭޑަށް ޖެހުނީ ފަނަރަ މިނެޓަށް ފަހު ފަހަތަށް އަނބުރާލައި، އެހެން މަގަކަށް ވަޑައިގަންނަވާށެވެ.

އެ ހާދިސާ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ވެސް އެމްއެންޑީއެފާއި މާރިޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި މާރިޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އައިޖީއެމްއެޗުގައި ކުރާ އޮޕަރޭޝަނެއްގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެއްވެސް މީހަކު ހެލްތު މިނިސްޓަރު ގޯސްނުކުރާ ކަމަށެވެ. ހަމަ އެގޮތަށް، ފުލުހުން ވެސް ގޯހެއް ހަދައިފިނަމަ އެކަމުގެ ޒިންމާ ހޯމް މިނިސްޓަރުގެ ބޮލުގައި ނާޅުވާ ކަމަށެވެ.

އެކަމަކު، އެމްއެންޑީއެފްގައި ކަމެއް ހިނގައިފި ނަމަ ޒިންމާ ނަގަން ޖެހެނީ ޑިފެންސް މިނިސްޓަރު ކަމަށާއި އެ މަގާމުގައި ހުރީ އަންހެނެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

”އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ލެވެލްގައި ވެސް، އެމްއެންޑީއެފްގައި ކަމެއް ހިނގައިފިނަމަ، ޑިފެންސް މިނިސްޓަރު، އެ މަގާމުގައި އަންހެނެއް ހުރީމަ ކުށްވެރިވަނީ. އަދި މިއީ ”ސެލެބްރޭޓް ވިމެން“ މަސް.“ އޭނާ ވިދާޅުވި އެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރު ކުރަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް އިއްޔެ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ޑިފެންސުން ވަނީ ވަކި ކޮމިޓީއެއް އުފައްދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!