ޕާކިސްތާންގެ އާ ސަފީރު ފަތްކޮޅު އަރުވައިފި
ދެންމެ | 29 ނޮވެމްބަރ 2022

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޕާކިސްތާނާއި ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް ބައްލަވާ، މި ގުޅުން ބިނާވެގެންދަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަޚްލާޤާއި، ޢަޤީދާމައްޗަށްކަމުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދާދިފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ އާއި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުއްމީދުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް